ތުރުކީއާއި ސީރިޔާއަށް އައި ބިންހެލުމުގެ ވަރުގަދަ ކާރިސާއަށް ދެހަފުތާވާން ކައިރިވަނީއެވެ. މަރުވި މީހުންގެ އަދަދު ގުނެމުންދަނީ ސާޅީސްހާހުން މަތީގައެވެ. އެންމެ ގިނަބަޔަކު މަރުވެ އެންމެ ބޮޑެތި ގެއްލުންތައް ލިބުނުކަމަށް ޚަބަރުތަކުން އެނގެނީ ތުރުކީއަށެވެ. ސީރިޔާގައި މަރުވީ ކިތައް މީހުންކަމާއި ލިބުނު ގެެއްލުންތަކުގެ ހަގީގީ މިންވަރު އަދިވެސްއޮތީ ނޭނގުމެއްގެ ތެރޭގައެވެ. ސީރިޔާގެ އެތެރޭގެ ހާލަތު ކުރީއްސުރެ އޮތް ގޮތުގެ ސަބަބުންނެވެ. ބައިނަލްެއަގުވާމީ މުޖުތަމައުން އެކަހެރިކުރެވިފައި އޮންނަ އޮތުމުގެ ސަބަބުންނެވެ. ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ މުއާމަލާތު ކުރަން ގިނަ ގައުމުތަކުން ބޭނުން ނުވުމުންނެވެ. އަދިވެސް ކިތަންމެ ކިތަންމެ ސަބަބުތަކާހެދިއެވެ. ކޮންމެއަކަސް ސީރިޔާގެ މުޅި ހުޅަނގުއުތުރު އެއޮތީ ފުނޑުފުނޑުވެފައެވެ.
ބިންހެލުން އައިސްފައިވަނީ ތުރުކީ އާއި ސީރިޔާގެ ބޯޑަރު ސަރަހައްދަށެވެ. ތުރުކީން މަރުވިކަމަށް ޔަގީން ކުރެވޭ އަދަދު ތިރީސްފަސްހާހުން މައްޗަށް އެރިއިރު ސީރިޔާއިން މަރުވިކަމަށް ޔަގީންކުރެވޭ އަދަދު އަދި އުޅެނީ ހަހާހުން ތިރީގައެވެ. އަދަދު ތިރިވުމުގެ މާނަޔަކީ ސީރިޔާއަށް މި ހެލުންތަކުގެ އަސަރުކުރި މިންވަރު ކުޑަވުމެއް ނޫނެވެ. މީހުން ސަލާމަތްކުރުމާއި ވެއްޓިފައިވާ އިމާރާތްތައް ސާފުކުރުމާއި އިންސާނީ އެހީފޯރުކޮށްދިނުމުގެ ކަންކަން ސީރިޔާގައި ކުރިއަށްދާ މިންވަރު ކުޑައީއެވެ. ހަގީގީ ހާލަތު ދެނެގަނެވޭނެ ގޮތެއް ނެތީއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ފޯކަސްހުރީވެސް ތުރުކީއަށެވެ. ރަޝިޔާއާއި އީރާނާއި ޗައިނާ ފިޔަވައި އެހެން ގައުމުތަކަކުން ސީރިޔާއަށް އެހީވުމަށް މާކަގިނަ މަސައްކަތްތަކެއް ނުކުރެއެވެ.
ސީރިޔާގެ ހާލަތާމެދު ދުނިޔެއަށް އެއްޗެއް އެނގެނީ ބައްޝާރުގެ ސަރުކާރުން ބުނާ ވާހަކަތަކާއި އދ. ގެ ފަރާތުން ބުނާ ވާހަކަތަކުންނެވެ. އދ. ގެ އެކި ޓީމުތަކުން ސީރިޔާއަށް ދިޔައީވެސް ބިންހެލުމަށް ދެތިން ދުވަސް ފާއިތުވީފަހުންނެވެ. އެމީހުންނަށް އަދިވެސް ހުރިހާ ސަރަހައްދުތަކަށް ވާސިލެއް ނުވެވެއެވެ. އަނެއްކޮޅުން ބިންހެލުމުގެ އަސަރުފޯރި ބައެއް ސަރަހައްދުތަކަކީ ރައީސް ބައްޝާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކެއްވެސް ނޫނެވެ. އެތަންތަން ކޮންޓްރޯލްކުރަނީ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ. ގުޅިގެން، ކޯޑިނޭޓްކޮށްގެން ކުރެވޭ އެއްވެސް ކަމެއް ސީރިޔާގައި ކުރިއަކަށް ނުދެއެވެ. އެހީގެ މިންވަރެއް ފޯރަނީވެސް ތުރުކީއާއި ސީރިޔާގެ ބޯޑަރުގައި ގާއިމްކުރެވިފައިވާ ބާބުއްސަލާމް ޕޯސްޓުގެ ތެރެއިންނެވެ. އެތަންވެސް ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވައިލެވުނީ މާފަހުންނެވެ.
ސީރިޔާގެ ސިޓީތަކުގެ ތެރެެއިން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ ތަންތަނަކީ އިދުލީބާއި ހަލަބެވެ. މިއީ ސީރިޔާގެ އެންމެ ބައިބޯ އަދި ބިޔަ ސަހަރުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ސީރިޔާގައި ފާއިތުވި އެގާރަ އަހަރު ހިނގަމުންއައި ބިރުވެރި ދާޚިލީ ހަނގުރާމައިގެ ސަބަބުން ކުރީއްސުރެވެސް މި ސަހަރުތައް ވަނީ ވީރާނާވެފައެވެ. ނުވަތަ އަންނަނީ ފުނޑުފުނޑު ވަމުންނެވެ. ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި އެތައް މިލިޔަން ބަޔަކު ގެދޮރުދޫކޮށް ނިކުތީވެސް މި ސަރަހައްދުތަކުންނެވެ. އދ. ގެ ފަރާތުން އަންދާޒާކުރާ ގޮތުގައި މަދުވެގެން ހަތް މިލިޔަން މީހުން އެހިސާބުގައި އެތިބީ ކުއްލި އަވަސް އެހީއަށް ބޭނުންވެފައެވެ. ސީރިޔާއަށް އެކަނިވެސް މިވަގުތު 397 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އދ އިން ބުނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާގޮތުގައި ސީރިޔާއިން އެކަނިވެސް ބައިލައްކަޔާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާނެއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަަށުން ދިރިތިއްބާ ސަލާމަތްކުރެވުނު މީހުންގެ އަދަދު ތުރުކީގައި އަށްހާހުން މައްޗަށް އުފުލިފައިވާއިރު ސީރިޔާގައި އެ އަދަދު ސަތޭކައަކަށްވެސް ނާރައެވެ. އެކަމަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަަށުން މީހުން ރޯއަޑާއި ތަކުބީރުގެ އަޑު އިވުނުލެއް މަޑެއް ނޫނެވެ. މީހުން ސަލާމަތްކުރުމަށް ބޭނުންކުރާނޭ މެޝިނަރީ ނެތީއެވެ. އެކަންކުރަން ޖެހެނީ ދެއަތުންނެވެ. ކޮންކްރީޓް ފުނިވަރުތައް ދެއަތުން ނަގައި ސާފުކުރުމަކީ ކުރެވޭނޭ މަސައްކަތެއް ނޫނެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ރޯއަޑު ފުރަތަމަ ހަފުތާ ތެރޭގައި ވަރަށް ގަދައަށް އިވުނަސް މަޑުމަޑުން އަޑު ކެނޑެމުންގޮސް މިހާރު އެއްގޮތަކަށްވެސް ނީވެއެވެ.
ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ސީރިޔާ ގެނބިގެން ދިޔައީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ހަނގުރާމަ ފެށުނީ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމުގެ ނިޔަތުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވާގިވެރިވެގެން ހަނގުރާމަވެރި ޖަމާއަތްތަކެއް ވުޖޫދުކުރި ހިސާބުންނެވެ. ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ގިނަގުނައެވެ. ބިންހެލުމާ ގުޅިގެން ސީރިޔާއަށް ބޭނުންވާ ކުއްލި އަވަސް އެހީ ފޮނުވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީވެސް ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ސީރިޔާއަށް އިންސާނީ އެހީ އެންމެ ބޮޑަށް ބޭނުންވީ މިދަނޑިވަޅުގައިވެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމެއް ނެތެވެ. އެހެންވީމާ ފައިސާޔާއި ތަކެއްޗާއި މީހުން ފޮނުވައިގެން އެހީގެ ހަރަކާތްތައް ހިންގޭނެ މާހައުލު އަދިވެސް ތަނަވަހެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ