ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ބައި, ހަދައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ބޮޑުތަކުރުފާނު މަގު, ފުޑްކޯޓާ ހަމައަށް ތާރު އެޅީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ, ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ބައިގައި ތާރު އެޅުމަށް ޕްލޭންކޮށް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން އަންނަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ, އެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ ރޯދަމަހުގެ ފަހުން ކަމަށެވެ.

މި ސަރުކާރުން އަންނަނީ އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް މިހާރު އޮތީ ތާރު އަޅައި ނިންމާލައިފައެވެ. އެ ހިސާބުން މާލެ ހިޔާ 2އާ ހަމައަށް ދަނީ މަގު ހަދަމުންނެވެ.