ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް، ދެއްވަމުން އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށާއި، އެބަދަލު އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ބަދަލަކީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވުމަށް ގާނޫނުގައި މިހާރު އޮތް މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. މިހާރު އެކަމަށް 10 ދުވަހުގެ މުއްދަތެއް ގާނޫނުގައި ކަނޑައަޅާގައި އޮތުމުން، އެ މުއްދަތު ކުރުކަމުން އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަަކަށް ބޮޑެތި އުނދަގޫތަށް ކުރިމަތިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ އޭޕްރީލް މަސް ނިމުމުގެ ކުރިން އެ ބަދަލު އަންނާނެކަމަށް އެހެންކަމުން، މެއި 2 ގައި އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިއަށް އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ގަވާއިދު ގެޒެޓު ކުރަން ޖެހޭނެ،" ކަމަަށް ހަބީބު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު ހޮވުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފެށުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 އިން އޯގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާނެ ކަމަށެވެ.

  • ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން 9 އޯގަސްޓްގައި
  • ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތު އޯގަސްޓް 10 އިން 8 ސެޕްޓެމްބަރަށް
  • އިންތިހާބުގެ ފުރަތަމަ ބުރު، 9 ސެޕްޓެމްބަރުގައި
  • ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާންކުރުން 9 ސެޕްޓެމްބަރުގައި
  • ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އިންތިހާބު ބާއްވާތާ 7 ދުވަހުގެ ތެރޭގައި
  • ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ދެވަނަބުރު ބޭއްވުން 30 ސެޓެމްބަރުގައި
  • މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު، 10 އިން 17 އަށް
  • ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާއްމު ކުރުން މެއި 2 ގައި
  • ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުން މެއި 2 އިން 2 ޖޫންއަށް
  • އޮބްޒާވަރުން އަދި މޮނިޓަރުންނަށް ކުރިމަތިލުން، ޖުލައި 25 އިން 13 އޯގަސްޓަށް
  • ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް، ޖުލައި 16 އިން 13 އޯގަސްޓަށް
  • އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް، އޯގަސްޓް 20 އިން 29 އަށް
  • ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު (21 ދުވަސް) 16 ޖުލައި އިން 5 އޯގަސްޓަށް
  • މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު ހުޅުވާލުން 10 އޯގަސްޓް އިން 17 އޯގަސްޓަށް