މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ރިނިއުބަލް އެނާޖީ މޯލްޑިވްސް އަދި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ހިޓާޗީ ޒޯސެން ކޯޕަރޭޝަން ގުޅިގެން ގުޅިފަޅުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ބޯފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގެ މީރުމާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ސޮއިކުރެއްވި އިރު، ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1,450 ކިލޯވޯޓް ޕަވާ އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރާނެ ކަމަށެވެ.

އިއާދަކުރަނި ހަކަތައިން ބޯފެން އުފެއްދުމުގެ އެ މަޝްރޫއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އެ މަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއި އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ތައާރަފުކުރުން ކަމަށެވެ.