ބާދަގަނޑުގެ ވިޔަފާރިކުރުމަށް، ހުޅުމާލޭގެ އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން ކުއްޔަށް ބިން ދޫކުރުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާ ކުރިއަށްގެންދިއުމާ ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި، އެތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް އާންމުވެފައިވާ ކަމަށެވެ. އެގޮތުން އެ ވިޔަފާރި ކުރަމުންގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، އެކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން އެފަދަ ވިޔަފާރިކުރާ ފަރާތްތަކަށް ކުރު މުއްދަތަށް ބިން ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދަ އާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށާއި އަދި އެ ކޯޕަރޭޝަނަށް ދައްކަން ޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައިނުވުން ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެގޮތަށް ބިން ދޫކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާންމުވެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުންދާތީ އެކަން ހުއްޓުވައި އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އޭގެ އިތުރުންވެސް އެގޮތަށް ބަހެއްޓިފައި ހުންނަ ދަގަނޑުތައް އަދި ވަޅުލެވިފައި ހުންނަ ކޭބަލްތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަތުމަކީ ވެސް އެގޮތަށް ބިން ދޫކުރުމުގެ އެއް ބޭނުން ކަމަށެވެ.

މިއަދުން ފެށިގެން އާންމުންނަށް އުނދަގޫވާނެ ގޮތަށް މަގާއި ދުވާރު ބަންދުކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

ބާދަގަނޑުގެ ވިޔަފާރިކުރުމަށް ހުޅުމާލެއިން ބިން ދޫކުރުމަށް ނިންމި ނަމަވެސް، ބިން ދޫކުރުމަށް ހަމަޖެހިފައިވާ ވަކި ސަރަހައްދެއް އެޗްޑީސީން އިއުލާންކޮށްފައެއް ނުވެއެވެ.