ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުންނަށް އިޖުތިމާއި ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމް "ލިޓްސް ވޮންޑާސް" ޕްރޮގްރާމު އެ ކުންފުނިން ފަށައިފިއެވެ.

އެސްޓީއޯގެ "ލިޓްލް ވޮންޑާސް" ޕްރޮގްރާމު މިއަދު ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއާއި ޖެނެރަލް މެނޭޖާ އޮފް ޕީޕަލްސް އޮޕަރޭޝަންސް މަރިޔަޒް ނުޒުލާއެވެ.

އެސްޓީއޯ އިން މިއަދު ބުނީ "ލިޓްލް ވޮންޑާސް" ޕްރޮގްރާމުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެ ޕްރޮގްރާމުގައި އެސްޓީއޯއިން އަށް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް މަހަކު 2،500 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކަނޑައަޅާފައިވާ ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރަޖިސްޓްރީވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރަޖިސްޓާވުމަށް އެދޭ ކަމަށެވެ. އަދި އެކުންފުނީގެ އުންމީދަކީ "ލިޓްލް ވޮންޑާސް" ޕްރޮގްރާމާއެކު ކުޑަކުދިންނަށް ހާއްސަ، ފެންވަރު ރަނގަޅު މާހައުލެއްގައި އިލްމާއި ހުނަރު ބިނާކުރަން ފުރުސަތު ލިބިގެންދިއުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އަދާކުރާ ވަޒީފާއާއި ދިރިއުޅުމަކީ ގުޅުމެއް ނެތް ތަފާތު ދެކަމެއްގެ ގޮތުން މިހާރު މާޒީވެފައިވާ ކަމަށާއި ދިރިއުޅުމުގައި ދިމާވާ ކަންކަމުން މަސައްކަތަށް އަސަރުކުރާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މަސައްކަތް ބެލެންސް ކުރުމުގައި އެހީތެރިވެދިނުމުގައި ކުންފުނިތަކުގެ ދައުރު ބޮޑު ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއަކީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތައް ދެނެގަތުމަށް ގިނަ ސާވޭތަކެއް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޑޭކެއާ ހިދުމަތުގެ ބޭނުން ދެނެގަތުމަށް ސާވޭ ކުރަމުންދާތާ ވަނީ އަހަރެއްވެފައެވެ.