ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ މަތިން ދަތުރުކުރި މައްސަލައިގެ ހޫނުކަން ދެގައުމުގެ މެދުގައި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެންމެ ފުރަތަމަ ޖެނުއަރީ 28 ވަނަ ދުވަހު އެމެރިކާގެ އެންމެ ހުޅަނގު އުތުރުން ހަވާއީގެ އެލޫޝަން ޖަޒީރާތަކުގެ މަތިން ފެނުނު ފުއްޕާހަން ވައްޓައިލެވުނީ އެންމެ އިރުދެކުނުގެ އައްސޭރިން އެޓްލާންޓިކް ކަނޑާ ހަމަޔަށްވެސް ފޯރިފަހުން ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެންމެ ބޮޑެތި ބަހުގެ ހަތަރުއެތީގެ ސައިޒު ލިބިގެންވާ އެ ބިޔަ ފުއްޕާހަން އެއް ހަފުތާގެ މުއްދަތަކަށް މުޅި އެމެރިކާ ހުރަސްކޮށް ވަނީ ދަތުރުކޮށްފައެވެ. މި މައްސަލައިގައި ގާނޫނުހަދާ މަޖިލީހުގައި ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޕުއްޕާހަން ވައްޓައިލުން ލަސްވުމުގެ ސަބަބުންނެވެ.

ޗައިނާއިންވެސް ވަނީ މިއީ އެގައުމުގެ އެއްޗެއް ކަމަށް އެއްބަސްވެފައެވެ. މޫސުމާބެހޭ ދިރާސާތަކަށް ޚާއްސަ އެއްޗެކޯލައެވެ. އެކަމަކު އެމެރިކާއިން ބުނަނީ އެންމެ ޒަމާނީ އިލެކްޓޯނިކް އާލާތްތަކާއެކު އެއީ ފުރިހަމަ ޖާސޫސީ ފުއްޕާހަމެއް ކަމުގައެވެ. އެމެރިކާގެ ބުނުން ހަގީގަތަކަށްވިޔަސް ނުވިޔަސް ވަކިއަތަކަށް ނުޖެހޭ ގައުމުތަކުގެ އަސްކަރީ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާދިސާއަކީ އެމެރިކާގެ ބަލިފައި ވަރަށް ރަނގަޅަށް ހާމަވެ، ބޭޒާރުވެގެންދިޔަ ހާދިސާއެކެވެ. ފުއްޕާހަމަށް ހަމަލަދީ ވައްޓައިލުމަށް ރައީސް ޖޯ ބައިޑެން އަމުރު ކުރެެއްވީ އެމެރިކާގެ ވައިގެ ސަރަހައްދުން އެ ފުއްޕާހަން ފެނުނުތާ ހަތަރު ދުވަސްފަހުން ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. ސިފައިންނަށް އަމުރު ތަންފީޒު ކުރެވުނީ އަނެއްކާވެސް އޭގެ ތިން ދުވަސް ފަހުންނެވެ.

އެލޫޝަން ޖަޒީރާތަކުގެ މަތިން ޖެނުއަރީ 28 ވަނަ ދުވަހު ޕެސިފިކް ކަނޑަށް އޭތި ވައްޓައިނުލީ ކީއްވެގެންތޯ އަހައި ގާނޫނުހަދާ މަޖިލީހުގެ އެކި ކޮމިޓީތަކުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ސުވާލު ކުރައްވަމުން ގެންދަވާއިރު އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނަނީ މިހެންނެވެ. ފުއްޕާހަން ދަތުރުކުރިލެއް މަތިކަމުން މަތިންދާބޯޓުތަކުގެ ދަތުރުފަތުރަށް ނުރައްކަލެއް ނެތެވެ. އެތީގެ ސައިޒު ބޮޑުކަމުން އެފަދަ އެއްޗެއް އެއްގަމަށް ވައްޓައިލާއިރު ބިންމަތީގައި ތިބޭ ބަޔަކަށް ފޯރުން އެކަށީގެންވާ ގެއްލުންތައް ނުހަނު ގިނައެވެ. އެހެންވީމާ އެމެރިކާ ހުރަސްކޮށް އެޓްލާންޓިކް ކަނޑާހަމަޔަށް ފޯރަންދެން މަޑުކުރީއެވެ. ދިފާއީ ވުޒާރާގެ މި ބުނުން ރަޝިޔާގެ ތަޖުރިބާކާރުން ދޮގުކުރެއެވެ. އެމީހުން ބުނާގޮތުގައި އަސްލު މައްސަލަޔަކީ އެހާ އުހުން ދަތުރުކުރާ ފުއްޕާހަމެއް ވައްޓައިލުމުގެ ގާބިލްކަން އެމެރިކާގެ ކިބައިގައި ކުޑަވުމެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ ކުރިއަރާފައިވާ ގައުމުކަމަށް ދައުވާކުރާ އެމެރިކާގެ ކިބައިގައި ޕުއްޕާހަމެއް ވައްޓައިލުމުގެ ގާބިލްކަންވެސް ނެތީބާވައެވެ. މި މައްސަލައިގައި ރަޝިޔާގެ ތަޖުރިބާކާރުން ބުނާ އެއްޗެއް ބަލައިލަމާބަހީއެވެ. އެމެރިކާގެ ހުޅަނގު ބިތަށް ފުއްޕާހަން ފޯރިއިރު އޭތި ދަތުރުކުރަމުން ދިޔައީ ގާތްގަޑަކަށް ހަތްދިހަހާސް ފޫޓާއި ފަސްދޮޅަސްހާސް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. އެމެރިކާގެ ހަނގުރާމަމަތީ ޖެޓްތަކުގެ ތެރެއިން އެންމެ އުހުގައި އުދުހުމުގެ ގާބިލްކަން ލިބިގެންވާ އެއްޗަކީ އެފް ޓުވެންޓީޓޫ ޖެޓެވެ. އެއީ ގާތްގަޑަކަށް ފަންސާސްހާސް ފޫޓެވެ. ފުއްޕާހަން ދަތުރުކުރީ އެ ރޭންޖަށްވުރެ މާބޮޑަށްވެސް މަތިންނެވެ. އެހެންވީމާ ބަޑިން ހަމަލާދިނުމުގެ ކެރިކުޅަދާނަކަމެއް ނެތެވެ. ދެންއޮތް ހަމައެކަނި ގޮތަކީ މިސައިލް ބޭނުންކުރުމެވެ.

މަތީގައި ބަޔާންކުރެވުނު ސަބަބަށްޓަކައި އެމެރިކާއަށް މަޖުބޫރުވީ އިންފްރާރެޑް ގައިޑެޑް މިސައިލް ބޭނުން ކުރުމަށެވެ. ފުއްޕާހަމަކީ ވަކިވައްތަރެއްގެ ގޭހުން ހަކަތަ ލިބިގަންނަ އެއްޗަކަށްވެފައި އެޒާތުގެ ގޭހަކީ ރާޑަރ ގައިޑެޑް މިސައިލްތަކަށް މޭރުންކުރެވޭ އެއްޗެއް ނޫނެވެ. އަދި ފުއްޕާހަމަކީ އެއްޗެއްގެ ހޫނު މޭރުންކޮށްގެން އެއަށް ވާސިލްވުމުގެ ކުޅަދާނަކަން ލިބިގެންވާ މިސައިލްތަކަށްވެސް ދެނެގަނެވޭ އެއްޗަކަށްނުވެއެވެ. މިހެންވީމާ އެމެރިކާގެ ސިފައިންނަށް މަޖުބޫރުވީ ޗައިނާގެ ފުއްޕާހަން ވަކި ވަރަކަށް ތިރިވަންދެން، ނޫނީ ތަންކޮޅެއް ހޫނު ސަރަހައްދެއްގެ މައްޗަށް ވާސިލްވަންދެން މަޑުކުރުމަށެވެ. އެންމެފަހުން އެއަށް މިސައިލުން ހަމަލަދިނީ ސާޅީސްހާސް ފޫޓަށް ތިރިވުމުންނެވެ. ރަޝިޔާގެ ތަޖުރިބާކާރުން ބުނާގޮތުގައި ބިންމަތީގައި ތިބި މީހުންގެ ސަލާމަތޭ ކިޔައިގެން ވާހަކަ އެދައްކަނީ ބަހަނާ ދެއްކުމުގެ ގޮތުންނެވެ.

މައްސަލައެއް ނެތެވެ. އެމެރިކާގެ ކިބައިގައި ހަތްދިހަހާސް ފޫޓު މަތިން އުދުހޭ ފުއްޕާހަމެއް ވައްޓައިލުމުގެ ގާބިލްކަން ކުޑައީއެވެ. އެހެންވިއްޔާ އެ ގާބިލްކަންހުރީ ކޮންބައެއްގެ ކިބައިގައި ބާވައެވެ. ރަޝިޔާއަށް އެކަން ކުރެވިދާނެބާވައެވެ. ރަޝިޔާގެ ތަޖުރިބާކާރުން ބުނާގޮތުގައި މިކަމަކީ ރަޝިޔާއަށް ނުހަނު ފަސޭހަ ކަމެކެވެ. ރަޝިޔާގެ ޖެޓްތަކުގެ ތެރެއިން މިގް-31 މަރުކާގެ ޖެޓަށް ފަސްދޮޅަސްހަތްހާސް ފޫޓު އުހުގައި އުދުހެވެއެވެ. އެ އުސްމިނުގައި ވައިގެފަށަލަ ތުނިވުމާއެކު ހަތްދިހަހާސް ފޫޓު މަތިން އުދުހޭ އެއްޗަކަށް ބަޑިންވެސް ހަމަލާދެވޭނެއެވެ. ރަޝިޔާގެ މިގް-25 މަރުކާގެ ޖެޓްތަކުގައި ބޭނުންކުރާ ޓީވީގައިޑެޑް މިސައިލުން އެކަނިވެސް މިކަން ކުރެވޭނެއެވެ. އެއީ ހަމައެކަނި މަންޒަރު ދެއްކީމާ އެއަށް ވާސިލްވާޒާތުގެ މިސައިލެކެވެ.