ފިލްމީ ތަރި އާމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތަކެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހު ފުލުހުން ކުރިއަށް ގެންދިޔަ ޑުރަގް އޮޕަރޭޝަނެއްގައި ރިޝްފާއާއި އިތުރު ބަޔަކު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ރިޝްފާ ފަހުން ދޫކޮށްލިއެވެ.
ރިޝްފާ, އޭނާގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ, ޑުރަގް މައްސަލައިގެ ތަހުގީގަށް މިދިޔަ ނޮވެމްބަރުން ފެށިގެން ޑިސެމްބަރާ ހަމައަށް އޭނާގެ ފޯން އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑުވެސް ފުލުހުންނާ ހިއްސާކުރި ކަމަށް ބުންޏެވެ.
"އަހަރެންގެ ހުރިހާ ފޮޓޯތަކާއި ވީޑިއޯތައް މިހާރު އެ ހުރީ ޕަބްލިކް ސައިޓުތަކުގައި. މިއީތަ ރައްޔިިތުން ހިމާޔަތްކުރަން ހުވާކޮށްގެން ތިބި މީހުންނަކީ؟ އަހަރެންގެ ފޯނުގެ ޕާސްވޯޑް ދިނީ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދޭން ބޭނުންވާތީ. ނަމަވެސް ބަދަލުގައި އަހަންނަށް ލިބުނީ ނިކަމެތިކަން. މިކަމަށް ޒިންމާވާނީ ކާކު؟ ޔުނީފޯމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ "ސިކް" ބަޔަކަށް އިތުބާރު ކުރާނީ ކިހިނެތް؟," ރިޝްފާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ, އަބުރު ކަތިލެވޭ ގޮތަށް އެކަން ކުރި ބަޔަކު ހޯދައި އިންސާފު ހޯދަން ކޯޓަށްވެސް ދާނެ ކަމަށެވެ.
ރިޝްފާގެ އެ ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެންދެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.
"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ހިދުމަތަށް އޮވޭ. ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް،" ފުލުހުންގެ މެސެޖުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު