ދިރާގު އެލީޓްކްލަބްގެ ޕާޓްނަރުންނާއެކު ހާއްސަ އިވެންޓެއް އެ ކުންފުނިން މިއަދު ބާއްވައިފިއެވެ.

ދިރާގުން ބުނި ގޮތުގައި، ދުސިތްޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި މި ހަފުލާ ބޭއްވީ އެލީޓް ކްލަބްގެ ކާމިޔާބީ ފާހަގަކޮށް، ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި އިވެންޓުގައި އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހާއްސަ އެވޯޑެއް ހަވާލުކޮށްފައެވެ. މީގެ އިތުރުން، އެލީޓް ކްލަބްގެ ކުރިމަގަށް ރާވާފައިވާ ހާއްސަ ކަންތައްތައްވެސް މި ހަފުލާގެ ތެރެއިން ޕާޓްނަރުންނާ ހިއްސާކޮށްފައިވެއެވެ. ދިރާގުން ބުނި ގޮތުގައި، މިހާރުވެސް 100 އަށްވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ދަނީ ލިބެމުންނެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ އެ ޕްރޮގްރާމުގެ ކުރިމަގުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މި ހިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކޮށް، އަދި ދިރާގާއި ޕާޓްނަރުންނާއި ގުޅިގެން އެލީޓް ކްލަބްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވާލުން. އަދި، މި ފުރުސަތުގައި، އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުންދާ އެލީޓް ޕާޓްނަރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެންމެހާ ޕާޓްނަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރިޔާޒް ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި، އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމާއެކު ދިރާގާއި ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް މިފަދަ އިތުރު އަދި އާ ފައިދާތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.