ކާބޯތަކެތި އުފައްދާ ގޭގެއަށް ގޮސް އިންސްޕެކްޝަންތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"އަށް އަމަލުކުރާގޮތް ބެލުމަށްޓަކައި ސާވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންތައް ކުރިއަށްދާނީ މިއަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އެ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ދާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ ކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7603204 އަދި 3034221 ގުޅުމަށް އެމްއެފްޑީއޭއިންވަނީ އެދިފައެވެ.