ސަރުކާރުގެ އޮފީސްތައް ހިންގަން އިތުރު އިމާރާތެއް ހެދުމުގެ ވިސްނުން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އަވަހާރަވި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ހަނދާނުގައި އެ މަނިކުފާނުގެ ނަމުން ނަން ދީފައިވާ ސަރުކާރުގެ އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް މީގެ ކުރިން ހިންގަމުން އައި ހުރަވީ ބިލްޑިން މިހާރު ތަޅާލާފައިވާ ކަމަށާއި ގާޒީ ބިލްޑިންވެސް ހުރީ ބާވެފައި ކަމަށެވެ.

"އެކަމުގެ ސަބަބުން ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި. އެ ކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2006 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ހަދާފައި ނުވާ ކަމަށާއި އޭގެ ފަހުން ހިދުމަތްތައް ފުޅާވިއިރު އޮފީސް އިމާރާތެއް މިއަދާ ހަމައަށްވެސް ހޯދިފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަދު ހުޅުވި، "އުމަރު ޒާހިރު ބިލްޑިން"އަށް ސަރުކާރުގެ ތިން މިނިސްޓްރީއެއް ބަދަލުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު އޮފީސްތަކުގެ ކުލީގެ ގޮތުގައި ހަރަދުކުރަން ޖެހޭ އަދަދުން ބޮޑު އަދަދެއް ސަލާމަތްވާނެ ކަމަށެވެ. ނަމަވެސް އަދިވެސް ސަރުކާރުގެ އޮފީސްތައް ހިންގަން އިމާރާތް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

'އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން" ރައީސް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގުރޫޕާ ހަވާލުކޮށްގެން ހެދި މި އިމާރާތަށް ޖުމުލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އިމާރާތުގެ ކޮންމެ ބުރިއެއްގެ ބޮޑު މިނުގައި 25,000 އަކަފޫޓް ހުންނައިރު، މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވާ ގޮތަކީ:

  • ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ: ޕާކިން އޭރިއާ
  • ދެވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
  • ތިންވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • ހަތަރުވަނަ ފަންގިފިލާ: އެމެރިކަން އެމްބަސީ
  • ފަސްވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
  • ހަވަނަ ފަންގިފިލާ: ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަހެއް

މިހާތަނަށް ޖެންޑާ މިނިސްޓްރީ ވަނީ އެ އިމާރާތަށް އެއްކޮށް ބަދަލުކޮށްފައެވެ. އަދި އެހެން މިނިސްޓްރީތައް ވެސް އެ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.