އއ. މަތިވެރިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެއްލުނު، އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އާއި މާލެއިން ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ގެއްލުނު މައްސަލައިގައި، ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ، އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާ މިދަނޑިވަޅުގައި، ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭގޮތުގައި މަސައްކަތް ކުރަމުންނުދާ ކަމަށާއި މީހުން ހޯދުމުގައި ސަރުކާރުން ފަރުވާ ކުޑަކުރާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.

އާސިރު އެންމެފަހުން ފެނުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ޑިޕާޓްމަންޓްތަކުގެ ސީސީޓީވީ ފުޓޭޖުތައް މިހާތަނަށް ހޯދާފައި ނުވާ ކަމަށާއި، ފާއިތުވި 10 ދުވަހުގެ ތެރޭގައި އޭނާ ހޯދުމަށް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ދެ މީހުންގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ހުރިހާ ފަރާތްތައް ހޯދުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އެފަދަ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް، ރައްޔިތުންގެ އިތުބާރު ލިބޭފަދަ ހަރުދަނާ، ދެފުއް ފެންނަ ގޮތަކަށް ކަންކަން ކުރުމަށްސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބަލައިގަންނަން ފެނޭތޯ ބަލަން ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. މައްސަލަ ބަލައި ނުގަތުމަށް 29 މެންބަރުން ވޯޓު ދެއްްވިއެވެ.