ވީއޭއާރްގެ ގޯހަށް މައާފަށް އެދުމަކީ ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެއް ނޫން ކަމަށާއި، ބޭނުންވީ ދެ ޕޮއިންޓް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އާސެނަލުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އެ މެޗުގައި ބްރެންޓްފޯޑުން ޖެހި ގޯލުގެ ސައްހަކަމާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އާސެނަލުން އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުގައި ބްރެންޓްފޯޑުގެ ގޯލު 74 ވަނަ މިނެޓުގައި ފެނުނު އިރު، އިވާން ޓޮނޭ ޖެހި އެ ގޯލު އޮފްސައިޑްތޯ ބެލުމަށް ވީއޭއާރުގެ އެހީ ހޯދާފައިވެއެވެ. ވީއޭއާރް ބެލުމަށް، ވީއޭއާރް ރޫމްގައި އިން ރެފްރީ ލީ މޭސަން ބްރެންޓްފޯޑުގެ ގޯލު އޮފްސައިޑްތޯ ބެލުމަށް ސްކްރީނުން، ގިނަ އޭންގަލްތަކެއްގެ ފޫޓޭޖް ބެލި ނަމަވެސް ރޮނގު އަޅައިފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް އަދި ބޭނުންކުރަން ފަށާފައި ނުވާ އިރު، އޮފްސައިޑް ނިންމުންތައް ބަލަނީ ރޮނގު އަޅައިގެންނެވެ. އެގޮތަށް އޮފްސައިޑް ނިންމުންތައް ބެލުމަށް ވީއޭއާރް އުސޫލުގައި އޮތް ނަމަވެސް އާސެނަލް މެޗުގައި މޭސަން އެކަން ކޮށްފައި ނުވުން އެއީ ގޯހެއް ކަމަށް ޕްރިމިއާ ލީގުގެ ރެފްރީންގެ ހާއްސަ ބޮޑީ، (ޕީޖީއެމްއޯއެލް) އިން ވަނީ އެއްބަސްވެފައެވެ.
އެކަމުގައި އާސެނަލްގެ ކިބައިން މައާފަށް އެދުމަށް ޕީޖީއެމްއޯއެލްގެ އެންމެ އިސް ރެފްރީ، ހޮވާޑް ވެބް ވަނީ އާޓެޓާއަށް ގުޅައި، ވާހަކަ ދައްކައިފައެވެ.
އެކަމާ ގުޅިގެން ނޫސްވެރީންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނީ އެ މެޗުގައި ނިންމި ނިންމުމަކީ "ހިއުމަން އެރާ" އެކޭ ބުނެ ފުއްދާލުމަކީ ހައްލެއް ނޫން ކަމަށާއި، އެ ނިންމުމުން ފެނިގެން ދިޔައީ ރެފްރީގެ ނާގާބިލުކަން ކަމަށެވެ.
"އެއީ ހިއުމަން އެރާއެއް ނޫން. އެއީ ކުރަން ޖެހޭ މަސައްކަތަށް ނާގާބިލުވުން. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. މިހެން ބުނަން ޖެހޭތީ މައާފަށްވެސް އެދެން. އެ ނިންމުމާއެކު އާސެނަލަށް ގެއްލުނީ ދެ ޕޮއިންޓް. އެ ދެޕޮއިންޓް ނުލިބެނީސް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެ. އެ ދެ ޕޮއިންޓް ގެއްލުމާއެކު، ގެއްލި ދިޔަތަން ހޯދަން އާސެނަލަށް ދެން ކުރަން ޖެހޭނީ ބުރަ މަސައްކަތެއް،" އާޓެޓާ ބުންޏެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށް އެރޭގެ މެޗަކީ ވަރަށް މުހިއްމު މެޗެކެވެ. މިހާތަނަށް އާސެނަލުން 21 މެޗު ކުޅެ، 51 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ސިޓީން ކުޅުނު 22 މެޗުން އެޓީމު ވަނީ 48 ޕޮއިންޓް ހޯދައިފައެވެ. މިހަފުތާ ތެރޭގައި ދެން އޮތް ލީގު މެޗުގައި ސިޓީ އާއި އާސެނަލް ކުރިމަތިލާން ޖެހިފައިވާ އިރު، އެ މެޗުގައި އާސެނަލް ބަލިކޮށް ސިޓީއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު