ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރަށް އަންނަ ހިސާބުން ސިކުންތެއްވެސް ލަސްނުކޮށް، ށ.ނަލަންދޫ ޓޫރިޒަމަށް ހުޅުވާލައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަލަންދޫގެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އަލީ ރިޒާ ވިދާޅުވީ، ބޮޑުތިލަދުންމަތި ޓޫރިޒަމްގެ ބޮޑު އިންގިލާބަކާ ދިމާލަށް މިސްރާބު ހިފާފައިވާއިރު ށ. ނަލަންދޫގެ މައްސަލަ އޮތް ހިސާބަކީ ކޮބައިތޯއެވެ. އަދި އެއީ އެތަނުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށްވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، "ނަލަންދޫއަކީ ނަލަ ރަށެއް، ޓޫރިޒަމަށް ކޮންމެހެންވެސް ތަރައްގީކުރަން ޖެހޭ ރަށެއް،" ކަމަށެވެ.

ނަމަވެސް އެރަށް ޓޫރިޒަމަށް ތަރައްގީ ކުރެވެން އަންނަނީ، އެރަށް މިހާރު ދީފައިވާ ފަރާތަށް ބަދަލު ދިނުމަށްފަހުގައި ކަމަށެވެ. އަދި "ބަދަލު ދިނުމުގެ އިދާރީ މަރުހަލާތައް މިހާރު ނިމުމާ ހިސާބަށް އައިސްފަ އޮތްކަމަށް އަޅުގަނޑަށް އެންމެފަހުން މައުލޫމާތު ލިބިފައިވާ،" ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެއަށް ޓޫރިޒަމް މިނިސްޓްރީގެ ދަފުތަރާ ހިސާބަށް އަންނަ ހިސާބުން އެންމެ ސިކުންތެއްވެސް ލަސްނުކޮށް، އެރަށް ޓޫރިޒަމަށް ހުޅުވާލާނެ ކަަމަށްވެސް ވިދާޅުވިއެވެ.

ނަލަންދުއަކީ 1999 ވަނަ އަހަރުގެ ތެރޭގައި ހުއިފިލަނޑާ ދިރުވައި އާލާކުރުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެވެ. ބޮޑު ނޫ ވިލަކާ އެކު ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ އެ ރަށުގައި 60 ހެކްޓަރު ހުރެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. މިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި، ޓޫރިޒަމްގެ ބޭނުމަށް ނިލަންދޫ އަގުކުރެވިއްޖެ ކަމަށާއި އެރަށް ޓޫރިޒަމަށް ފައްކާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަލަންދޫ ޓޫރިޒަމްގެ ބޭނުމަށް ނަގާނީ އެރަށް މިހާރު ހަވާލުވެފައިވާ ފަރާތަށް ދޭން ޖެހޭ ބަދަލެއް ދިނުމަށްފަހުގައި ކަމަށާއި ސަރުކާރުން ކަންކަން ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެރަށް މިހާރު އަގު ކުރެވި އެގްރީމަންޓަކާ ހިސާބަށް އާދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނަލަންދުއަށް އިންވެސްޓް ކުރާނެ ފަރާތްތައްވެސް އެބަތިބި ކަމަށް ވެސް ވިދާޅުވިއެވެ.