އުމުރުން 42 އަހަރުގައިވެސް ސޮބާހް މުހައްމަދު (ސޮބާ) އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކޯޗެވެ. އަމިއްލަ މަސައްކަތުން ކޯޗިންގައި އެތައް ކަމެއް ދަސްކުރަމުން އަންނަ ޒަމާނީ ފުޓުބޯޅައިގެ ކޯޗެކެވެ. ތިރި ބޯޅައެއް ކުޅެން، ޕާސިން ފުޓުބޯޅައެއް ކުޅުވަން މަރުދޭ ކޯޗެއްވެސް މެއެވެ. ޒުވާން ޓީމުތަކާއެކު ނަތީޖާ ނެރެ، ސޮބާ އަންނަނީ ފުރަތަމަ ޑިވިޝަނާއި އޭގެ ދަށް ޑިވިޝަންތަކުގައިވެސް ކޯޗިން ތަޖުރިބާ އިތުރު ކުރަމުންނެވެ. ރޭ ސޮބާ ހަވާލުވީ ދެވަނަ ޑިވިޝަންގައި މިވަގުތު އޮތް، ރާއްޖޭގެ ފުޓުބޯޅައިގެ "ސްލީޕިން ޖަޔަންޓް" އެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއެވެ.
ވިކްޓަރީއާ ސޮބާ ހަވާލުވީ މުހިއްމު ދެ ކުޅުންތެރިއެއްގެ ސޮޔާވެސް އެކުގައެވެ. ކަކުލުގެ އަނިޔާއިން ރަނގަޅުވަމުން އަންނަ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރުގެ ސޮއި ހޯދައިގެންނެވެ. މީގެ ކުރިން ކްލަބު ގްރީން ސްޓްރީޓްސް އާއި ކްލަބު ވެލެންސިއާއަށް ވެސް ކޯޗުކަން ކޮށްދިން ސޮބާއަށް މިފަހަރުގެ ޗެލެންޖް ހާއްސަވީ "ޒިންމާ"އެއްގެ ގޮތުގައި ދެކޭތީއެވެ. ދިވެހި ފުޓުބޯޅައަށް އޭނާ ކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި، "ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް،" އަރުވަން ކުރާ މަސައްތަކަށް މިފަހަރުގެ މަސައްކަތް ވާތީއެވެ.
"މި ފުރުސަތަށް ވަރަށް ބޮޑަށް އުފާކުރަން. ކުޑައިރުން ފެށިގެންވެސް ދެކެމުން އައި ހުވަފެނެއް މިއީ. ވިކްޓްރީއަކީ އަޅުގަނޑުގެ ފުޓުބޯޅަ ހަޔާތުގައި ވަރަށް ރަނގަޅު ބިންގަލެއް އަޅައިދިން ކްލަބެއް. ފުޓުބޯޅައިގައި ރާއްޖޭގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ މި ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުންނަން ފުރުސަތު ލިބުމުން މެނޭޖްމަންޓަށް ޝުކުރު އަދާކުރަން ބޭނުންވޭ،" ސޮބާ ރޭގެ ޕްރެސްގައި ބުންޏެވެ.
ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެދިން ސޮބާ، ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ފެށީ 2001 ވަނަ އަހަރު ކްލަބު އީގަލްސްއިންނެވެ. ސޮބާގެ ކެރިއަރުގައި 2009 ވަނަ އަހަރުން 2011 ވަނަ އަހަރަށް ވިކްޓަރީގައި ހޭދަކުރި އިރު، އެއީ އޭނާގެ ވިދުން އެންމެ ގަދަ ދުވަސްކޮޅުވެސް މެއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ދިވެހި ޓީމުގައި އިސް ރޯލެއް އަދާކުރި ސޮބާ، އޭގެ ފަހުން ކެރިއަރުގެ ފަހު ކޮޅުގައި 2013 ވަނަ އަހަރުން 2014 ވަނަ އަހަރަށް ވިކްޓަރީގައި ކުޅެފައިވާ އިރު، އޭނާ ވަނީ ކްލަބާއެކު ކާމިޔާބީތައްވެސް ހާސިލު ކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ ޓާސްކް ވަކީން ހާއްސައެވެ.
"ނިއުރޭޑިއަންޓަކީވެސް އަޅުގަނޑުގެ ކެރިއަރުގައި މުހިއްމު އަހަރުތަކެއް ކަޑައްތު ކުރި ކްލަބެއް. އޭގެ އިތުރުން ވިކްޓަރީއަކީ އަޅުގަނޑުގެ ކެރިއަރުގައި ބިންގާ އެޅިގެން ދިޔަ ކްލަބު. މި ކްލަބުތަކުގެ ކޯޗުކަމުގައި ނުކުންނަން މި ލިބޭ ފުރުސަތަކީ ފުޓުބޯޅައިގެ ތެރެއިން އަޅުގަނޑަށް ކުރާ އިތުބާރު. އެއީ ކެރިއަރުގައި ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން. ދެން ފާހަގަކޮށްލަން ޖެހޭ މިދިޔަ ސީޒަނުގައިވެސް ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅެލި މެޗުގައި ސަޕޯޓަރުންގެ ތަފާތު. މިއީ މިހާރު ކުޅޭ ޓީމުތަކަށް ބަދުބަހެއް ބުނަނީކީ ނޫން، އެކަމަކު ނިއުއާއި ވިކްޓަރީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮންނަން ޖެހޭ ކަމަށް ގަބޫލުކުރަން."
ސޮބާ ފާހަގަކުރި ގޮތުގައި ވިކްޓަރީ ފަދަ ކްލަބުތައް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އެރުވުމަކީ، "އެ ކްލަބުން ހިދުމަތްތަކެއް ހޯދި ބައެއްގެ ހައިސިއްޔަތުން ޒިންމާއެކެވެ،" "އަކްރަމާއި އުމައިރާވެސް އެކު، އަޅުގަނޑު ކޯޗަކަށް ހުރެ މި ކްލަބު ފުރަތަމަ ޑިވިޝަނަށް އަރުވަން ބަލަން ޖެހޭނީ ފައިސާއަކަށް ނޫން،" ސޮބާ ފާހަގަކުރިއެވެ.
ރޭ ވިކްޓަރީގެ ކޯޗުކަމުގައި ސޮބާ ދިން ފުރަތަމަ ޕްރެސްގައި އޭނާ ބުނީ ޓާގެޓަކީ ފުރަތަމަ ޑިވިޝަން ކަމަށާއި، އޭގެ އިތުރުން އެފްއޭ ކަޕްގެ ކާމިޔަބީއަކަށްވެސް ޗެލެންޖް ކުރާނެ ކަމަށެވެ.
"ވިކްޓަރީގެ ފުރަތަމަ އެންމެ ބޮޑު ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރުން. ރަނގަޅު ކުޅުންތެރިންތަކަކާއެކު އެކަން ހާސިލުކުރުން އެއީ ފުރަތަމަ ޓާގެޓަކީ. އަޅުގަނޑާއެކު ސީނިއާ ލެވެލްގައި ވަރަށް ރަނގަޅަށް ކުޅުނު ދެކުޅުންތެރިން، ރާއްޖޭގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ ދެކުޅުންތެރިން، އެކުގައި ސާފް ޗެމްޕިއަންޝިޕް ކުޅުންތެރިއެއްގެ ގޮތުގައި ހޯދި، ތަޖުރިބާކާރު މި ކުޅުންތެރިން ޓީމާ ގުޅުނީތީ ވަރަށް އުފާކުރަން. ޓީމަށް އިތުބާރު އެބައޮތް. ވަރުގަދަ ޓީމަކާއެކު އެކަން (ފުރަތަމަ ޑިވިޝަނަށް ދިއުން) ވާނެކަމުގެ ޔަގީންކަން އެބައޮތް،" ސޮބާ ބުންޏެވެ.
އެފްއޭ ކަޕްގައި ރަނގަޅު ނަތީޖާތައް ނެރުންވެސް އެއީ ޓާގެޓެއް ކަމަށް ސޮބާ ފާހަގަ ކޮށްފައިވާ އިރު، އޭނާ ބުނީ އެފްއޭ ކަޕްގައި ބައިވެރިވާނީ، ހަމައެކަނި ބައިވެރިވެލަން ނޫން ކަމަށާއި، ވަރުގަދަ ޓީމުތަކަށް ޗެލެންޖް ދޭންވެސް ތައްޔާރުވެގެން ކަމަށެވެ. ސޮބާ އިތުރަށް ފާހަގަކުރީ ރަނގަޅަށް ވަގުތު އޮއްވައި ޓީމުގެ ފަރިތަކުރުންތައް ފަށައި، ތައްޔާރުވާން ފަށާނެ ކަމަށާއި، ބިދޭސީ ކުޅުންތެރިންނަށްވެސް ގެންނާނީ ފެންވަރު ރަނގަޅު ކުޅުންތެރިން ކަމަށެވެ. އޭގެ އިތުރުން ސޮބާގެ އިރުޝާދުގެ ދަށުން 23 އަހަރު ދަށުގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންނާއި، އިތުރު ޒުވާން ކުޅުންތެރިންވެސް ވިކްޓަރީ ޖާޒީގައި ފެނިދާނެ ކަމަށް ސޮބާ ފާހަގަކުރިއެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު