ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުން އުވާލުމަށް ހުށަހެޅުމަށް ފާހެއް ނުވިއެވެ.
ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އިބްރާހިމް ގާސިމްއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ވަނީ އެ ޕާޓީގެ 149 ވަނަ ކައުންސިލް ބައްދަލުވުން ބާއްވައިފިއެވެ.
އެ ކަައުންސިލް ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ ކައުންސިލް ބައްދަލުވުމެއް ބޭއްވީ، ޕާޓީގެ ގައުމީ ޖަލްސާއަށް ހުށަހަޅާ އިސްލާހުތައް ކަނޑައެޅުމަށް ކަމަށެވެ. އެގޮތުން ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރުގެ މަގާމުގެ ބަދަލުގައި ރައީސްއެއް ހުންނަގޮތަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށްފަހު ގިނަ ބޭފުޅުންނަށް އިއްތިފާގުވެވުނީ ދެންވެސް ހުންނަންވާނީ ލީޑަރެއް ކަމަށް. އެއީ މިދައްކާ ވާހަކައަކީ ދެއްތޯ،" އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް މަގާމުގެ އުވާލުމަށް ކައުންސިލް ބައްދަލުވުމުގައި ފާސްވެފައިވާ ކަމަށާއި ނަމަވެސް އެ ނިންމުން ރަސްމީކޮށް ފާސް ކުރެވޭނީ ގައުމީ ޖަލްސާގެ ބައްދަލުވުމުގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ޖަލްސާގައެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތާއި އެ ބަދަލުތައް ފާސްކުރުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވަނީ ގައުމީ ޖަލްސާގެ ތެރެއިންނެވެ.
ޖުމްހޫރީން ޕާޓީން ކުނޫޒުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު ޖަލްސާގައި" ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އެ ޕާޓީން އެންމެ ފަހުން ކައުންސިލް ބައްދަލުވުމުގައިވެސް ނިންމާފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ވެބްސައިޓުގައިވާ ގޮތުން ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އީސީގެ ދަފުތަރުގައިވާ ގޮތުން އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 17،913 އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ޖޭޕީގެ ހިއްސާ އޮތެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ. 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައެވެ. ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ އެއް ބައިވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު