އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ދިވެހި އަންހެނުން ބާރުވެރިވާ ނިސްބަތް ދެނެގަތުމަށް ދިރާސާއެއް ފަށައިފިއެވެ.

މި ދިރާސާ ކުރިއަށްގެންދަނީ ދިވެހި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އިސް މަދަނީ ޖަމިއްޔާއެއްކަމުގައިވާ ވިމެން އެންޑް ޑިމޮކްރަސީގެ އިސްނެގުމުގެ މަތިން، އަންހެނުންގެ ކުރިއެރުމަށް ވަކާލާތުކުރާ އިތުރު އެހެން ޖަމިއްޔާއެއް ކަމުގައިވާ ވިމެން އޮން ބޯޑްސް (WOB) އާ ގުޅިގެންނެވެ.

މި ދިރާސާ ކުރިޔަށް ގެންދަނީ ނޭޝަނަލް ޑިމޮކްރަޓިކް އިންސްޓިޓޫޓް (NDI)ގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއިން ބުނި ގޮތުގައި މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބެލެވިގެންދާނީ، ދައުލަތުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭންގެ ދަށުން އަންނަނިވި ސުރުހީތައް ތަންފީޒު ކުރެވިފައިވާ މިންވަރު ނިސްބަތުން ދެނެގަތުމުގެ މައްޗަށް ކަމަށެވެ.

  • ތަންފީޒީ މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކުރުން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުން
  • އަންހެނުންގެ އިގްތިސޯދީ ބާރުވެރިކަން ކަށަވަރުކުރުން
  • އަންހެން ވިޔަފާރިވެރިންނަށް ފައިސާ ލިބޭނެ ފަހި ގޮތްތައް އިންތިޒާމްކޮށްދިނުން

މި ދިރާސާގައި ސަރުކާރުގެ ޖުމުލަ 14 އިދާރާއަކުން މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މައްޗަށް ތަފާސްހިސާބުތައް އަންދާޒާ ކުރާނެއެވެ. އޭގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީސް، ޖެންޑާ މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް މަނަޓެރީ އޮތޯރިޓީ އަދި މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ފަދަ ކަމާބެހޭ ސަރުކާރުގެ އިދާރާތައް ހިމެނެއެވެ.

މި ދިރާސާގެ ނަތީޖާ އަންނަ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓާ އަދި މަދަނީ ޖަމިއްޔާތަކާއި ހިއްސާކޮށް ޝޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޝާއިއުކުރާނެ ކަމަށް ވިމެން އެންޑް ޑިމޮކްރަސީން ބުންޏެވެ.