ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވައިލެވޭގޮތަށް "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފަރާތަކާމެދު އަމަލު ކުރާނެގޮތުގެ ގަވާއިދު" އޮތް ގޮތް ބަދަލުކުރަން އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށއިފިއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަކީ އެމްޑީޕީގެ މައިގަނޑު އެއް ސިޔާސަތު ކަމަށާއި، މަސްތުވާތަކެތި ޓްރެފިކުކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެ ސިޔާސަތު ތަންފީޒު ކުރުމަކީ އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް އެ ސިޔާސަތާ ދިމާ އިދިކޮޅަށް، މަސްތުވާތަކެތި ޓްރެފިކް ކުރާ ބިދޭސީންނަށް ބިރެއް ނެތި ފަސޭހަ ކަމާއެކު، އެ ވިޔަފާރި ކުރެވޭނެ ގޮތަށް އަދި އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައަޅައި އެ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
މިމަހުގެ ހަވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އޭނާ އެތެރެކުރި 2.6 ކިލޯގެ (މަގުމަތީ އަގުގައި 6.5 މިލިޔަން ރުފިޔާގެ އަގުހުރި) މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތް ނަމަވެސް، އެ ގަވާއިދުގެ ދަށުން އެ އަންހެންމީހާ ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލާފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ގަވާއިދު މިހާރު އޮތް ގޮތުން ފަސޭހަކަމާއެކު ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކުތަކުން ރާއްޖެއަކީ އެ ވިޔަފާރީގެ މަންޒިލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ހުޅުވިގެންދާނެ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނެފައިވަނީ، މަސްތުވާތަކެތި ޓްރެފިކު ކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމުގަ، އެ މަސްތުވާތަކެއްޗެއްގެ ބާވަތަށް ބަލައި އެންމެ ބޮޑު އަދަބުގެ ގޮތުގައި އުމުރަށް ޖަލަށްލުމާއެކު ދިހަމިލިޔަން ރުފިޔާއިން ޖޫރިމަނާކުރުންވެސް އެ ގާނޫނުގައި ހިމެނޭ،"
ނަމަވެސް ގާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ވީމާ މި ގަވާއިދުގައި ވައިގެމަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާ މެދު އަމަލު ކުރާނެ ގޮތުގެ ގައިވާއިދުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރަޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ބަހުސް ކުރުމަށްޓަކައި މި މައްސަލަ މަޖިލީހަށް ބަލައިގަތީ، އެ މައްސަލަ ބަލައިނުގަތުމަށްޓަކައި ރެޑް ޖެހުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕް ލައިނާ ހިލާފަށް މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެވަގުތު ޖަލްސާގައި 45 މެންބަރުން ތިއްބެވިއިރު، އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، އޭގެ ތެެރެއިން 24 މެންބަރުންނެވެ. އެ މައްްސަލަ ބަލައިގަންނަން ނުފެންނަ ކަަމަށް 16 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު