އާސެނަލުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ބްރައިޓަންއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައި ވީއޭއާރް ބޭނުންކުރުމުގައި ގޯސްތަކެއް ހެދުނު ކަމަށް ޕްރިމިއާ ލީގުގެ ރެފްރީންގެ ހާއްސަ ބޮޑީ، (ޕީޖީއެމްއޯއެލް) އިން އެއްބަސްވެއްޖެއެވެ.

ލީގުގައި މި ހަފުތާގައި ކުޅުނު މެޗުތަކުގެ ތެރެއިން އާސެނަލުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، ބްރައިޓަންއިން ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލުން އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުގައި ބްރެންޓްފޯޑުގެ ގޯލު 74 ވަނަ މިނެޓުގައި ފެނުނު އިރު، އިވާން ޓޮނޭ ޖެހި އެ ގޯލު އޮފްސައިޑްތޯ ބެލުމަށް ވީއޭއާރުން ބަލައިފައިވެއެވެ. އެ މެޗުގައި ވީއޭއާރް ބެލުމަށް އިން ލީ މޭސަން ބްރެންޓްފޯޑުގެ ގޯލު އޮފްސައިޑްތޯ ބެލުމަށް ސްކްރީނުން، ގިނަ އޭންގަލްތަކެއްގެ ފޫޓޭޖް ބެލި ނަމަވެސް ރޮނގު އަޅައިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް އަދި ބޭނުންކުރަން ފަށާފައި ނުވާ އިރު، އޮފްސައިޑް ނިންމުންތައް ބަލަނީ ރޮނގު އަޅައިގެންނެވެ. އެގޮތަށް އޮފްސައިޑް ނިންމުންތައް ބެލުމަށް ވީއޭއާރް އުސޫލުގައި އޮތް ނަމަވެސް އާސެނަލް މެޗުގައި މޭސަން އެކަން ކޮށްފައި ނުވުން އެއީ ގޯހެއް ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފައެވެ.

ބްރައިޓަނުން އެއްވަރުވި މެޗުގައި ޕެލެސް ކޮޅަށް އެޓީމުން އިތުރު ގޯލެއް ޖެހި ނަމަވެސް ރެފްރީ ވީއޭއާރް ބަލައި ނިންމީ ސައިޑް ކަމަށެވެ. އެސްޓުޕިއަން 32 ވަނަ މިނެޓުގައި އެ ގޯލް ޖެހުމުން ވީއޭއާރް ބަލަންވެސް ވީއޭއާރް ރޫމްގައި އިން ރެފްރީ ރޮނގު އަޅައިފައެއް ނުވެއެވެ. ޕީޖީއެމްއޯއެލް އިން ވަނީ އެއީވެސް ގޯހެއް ކަމަށް ގަބޫލުކޮށް ބުނެފައެވެ.

ޕީޖީއެމްއޯއެލްއާ މިވަގުތު ހަވާލުވެ ހުރި ހޯވާޑް ވެބް ވަނީ މިހާރު އާސެނަލާއި ބްރައިޓަންގެ އޮފިޝަލުންނަށް ގުޅައި އެ މައްސަލަތައް ހިނގައި ދިޔަގޮތް ކިޔައިދީ މައާފަށް އެދިފައެވެ.

މި ހަފުތާގައި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ވީއޭއާރްގެ އިތުރު މައްސަލަތައް ދިމާވެފައިވާ އިރު، ޗެލްސީ އާއި ވެސްޓް ހަމް ވާދަކުރި މެޗުގައި ވެސްޓް ހަމް އޭރިއާ ތެރެއިން ތޯމަސް ސޯޗެކް އަތުގައި ޖެހުނު ބޯޅައަކަށް ވީއޭއާރް ނެބުލުމުން އެކަމަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.