މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ.
"މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް އިސްވެ ދެންނެވުނު އިއުލާނުން ކަނޑައަޅާފައިވާ މުއްދަތު 28 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ ފަރާތުން އިތުރުކޮށްފައިވާކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ،" ޓްރާންސްޕޯޓުން ބުންޏެވެ.
މިނިސްޓްރީން މިމަހުގެ ތިންވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން ފޯރުކޮށް ދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ފެންވަރުމަތިކުރުމުގެ ގޮތުން އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓުން ވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ އެ އިއުލާނާ އެއްގޮތަށް ޑިޖިޓަލް ލައިސަންސް ތައާރަފުކޮށްފައެވެ.
ޑިޖިޓަލް ލައިސަސްތައް ފެންނާނީ "ޕޮލިސް އެމްވީ" އެޕްލިކޭޝަނުންނެވެ. އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލަ ލައިސަންސް ބަލައިގަންނަން ފުލުހުންވެސް ވަނީ ނިންމައިފައެވެ.
ޓްރާންސްޕޯޓުން އަލަށް ތައާރަފުކުރި އެ ސޮފްޓްވެއާ މެދުވެރިކޮށް ލައިސަންސަށް އެދި ހުށަހެޅުމާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އެހެން ހިދުމަތްތަކައްވެސް ހުށަހެޅެން ހުންނާނެއެވެ. އަދި ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީވެސް ޑިޖިޓަލައިޒްކޮށެވެ.
ޓްރާންސްޕޯޓުން ބުނެފައިވަނީ ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު