ކުރިއާލައިގެން ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި، ރިސޯޓު ހިންގާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރެވޭ ގޮތަށް ޓޫރިސްޓް ރިސޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމުގެ ގަވާއިދު ބަދަލުކޮށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ގަވާއިދަށް މި ބަދަލު ގެނައުމުގެ ކުރިން ގަވާއިދު އޮތް ގޮތުން، ރިސޯޓެއް ހަދަން ރަށެއް ކުއްޔަށް ނަގާފައިވާ ކުންފުންޏެއްގެ ހިއްސާ ވިއްކާލާ ނަމަ، އިކޮނޮމިކް މިނިސްޓްރީން އެ ހިއްސާ ބަދަލުކޮށްދޭނީ، ފުރަތަމަ ޓޫރިޒަމް މިނިސްޓްރީއަށް އެކަން ހުށަހަޅައި އެ މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެ ގަވާއިދުގައި ހިމެނޭ، ހިއްސާ ބަދަލުކުރުމާ ބެހޭ ދެ މާއްދާއެއް ވަނީ އުވާލައިފައެވެ.
އޭގެ ތެރޭގައި ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާ ނަމަ، އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ ގޮތަށް އޮތް މާއްދާ ހިމެނެއެވެ. އަދި ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް މާއްދާވެސް ވެސް ވަނީ އުވާލައިފައވެ.
ނަމަވެސް، ރިސޯޓު ހިއްސާ އެހެން ބަޔަކަށް ވިއްކާލާ ނަމަ، މިހާރު ވެސް އޮންނަ އުސޫލުން، އެކަން ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، މިނިސްޓްރީއާ ހިއްސާކުރަން އާންމުކޮށް ހުޅުވާލައި ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު