ދިވެހިރާއްޖޭގެ ތާރީޚު

ގަމުގެ އެއަރޕޯޓުގެ ތާރީޚުގެ ތެރެއިން މުހިއްމު ބައެއް ވާހަކަ!

އިބްރާހިމްދީދީ

އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓަށް 80 އަހަރު ފުރިގެން އެކުންފުނީގެ ފަރާތުން ބޮޑު އިހުތިފާލެއް ބާއްވައިފިއެވެ. ކޭކުފަޅައި، އަކުރުއަޅައި، ޑްރޯން އުދުއްސައި، ފޮޓޯނަގައި މިޒާތަކުން އުފާފާޅުކުރި ޚަބަރު ނޫސްތަކުން ފެނިއްޖެއެވެ. އެހިސާބުން އެތަނުގެ ތާރީޚުގެ މުހިއްމުކަން އަޅުގަނޑަށްވެސް ވަޒަންކުރެވިއްޖެއެވެ. ރާއްޖޭގެ ގިނަ މުއައްސަސާތަކުގެ ނިސްބަތުން އެތަނުގެ ދޮށިކަންވެސް ފާހަގަކުރެވިއްޖެއެވެ. ތަނުގެ އަސްލު "އުފަންދުވަސް" އެހާބޮޑަށް ސާފުވެފައި ނުވާކަމުގެ އިހުސާސް ކުރެވޭގޮތްވެސް ވެއްޖެއޭ ދަންނަވާހިތްވެއެވެ.

ގަމުގެ އެއަރޕޯޓާއި ދިވެހި ސަރުކާރު

ގަމުގެ ވައިގެބަނދަރަށް މިހާރު ވީ ދުވަހަކާމެދު ކުރެވޭ ބަހުސްގައި ޚިލާފުތަކެއް އެބަހުއްޓެވެ. އެ ޅިލާފުތަކަކީ ފަންނީ ކަންކަމާ ގުޅިފައިވާ ޚިލާފުތަކެކެވެ. މި އެއާރޕޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ވައިގެބަނދަރުކަމާމެދު އެއްވެސް ޚިލާފެއްނެތެވެ. މިހާރު އެފެންނަ ގޮތަށް މިތަން ތަރައްގީކުރުމުގެ މަސައްކަތް އިނގިރޭސިން ފެށީ، 1956 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހީމް އަލީދީދީ އާއި އިނގިރޭސި ސަރުކާރުގެ މަންދޫބު މަޝްވަރާކޮށް އެކުލަވާލި ޑްރާފްޓް އެގްރިމެންޓަކަށްފަހުގައެވެ.

އިނގިރޭސި ސަރުކާރާއެކު ދުވަސްތަކަށް ދެމިގެންދިޔަ ވާހަކަތަކަކަށްފަހު، މުޅި ގަމާއި އަދި އައްޑޫ ހިތަދޫގެ ބިމުން 110 އޭކަރުގެ ސަރަހައްދެއް އިނގިރޭސި އަސްކަރީ ބޭނުމަށް އަހަރަކު 2000 ޕައުންޑުގެ ކުއްޔަކަށް 100 އަހަރުގެ މުއްދަތަކަށް ދިނުމަށް ދިވެހި ސަރުކާރުން އެއްބަސްވިއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަ ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވިއެެވެ. އެހެން ނަމަވެސް ކަންތައް ވެގެން ދިޔައީ އެމަނިކުފާނު އުއްމީދު ކުރެއްވިގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިިލީހުން ފާސްކުރީ އެއްބަސްވުމުގައި ސޮއިކުރަން ނުފެންނަ ކަމުގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބޮޑުވަޒީރު އިބްރާހީމް އަލިދީދީ މަގާމުން އިސްތިއުފާ ދެއްވުމެވެ. އިބްރާހީމް އަލިދީދީ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަމަށް ދެން އައްޔަންކުރެވުނީ ރަައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހީމް ނާސިރެވެ.

މިބީދަޔަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަ ކަމެއް ހިނގަމުން ދިޔައިރު އިނގިރޭސިން ދިޔައީ އިނގިރޭސި އަސްކަރިއްޔާގެ ސްޓޭޖިން ޕޯސްޓެއްގެ ގޮތުގައި ގަމުގެ ވައިގެ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ. އަދި ދެއަހަރު ދުވަހުގެ މަސައްކަތުން އެއާރޕޯޓުގެ ރަންވޭއާއި އެހެނިހެން ވަސީލަތްތައް ގާއިމުކޮށް މެއި 1958 ގައި ނިންމާލައި އެއާރޕޯޓު ބޭނުންކުރަން ފެށިއެވެ.

އިބްރާހީމް ނާސިރު ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޑޫގައި އިނގިރޭސިން ތިބުމާ ގުޅޭގޮތުން ކުރިން ސޮއިކުރަން މަސައްކަތް ކުރެވުނު އެއްބަސްވުން އަލުން މުރާޖައާކޮށް އާ މާއްދާތަކާއެކު 14 ފެބުރުއަރީ 1960 ގައި އިނގިރޭސިންނާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެއްބަސްވުމުގެ މުއްދަތު 30 އަހަރަށް ބަދަލުކުރެެއްވުމާއި މާލޭގައި އިނގިރޭސި މަންދޫބަކު ބަހައްޓާގޮތަށް ހަމަޖެއްސުމާއި ވަގުތުން އެއްފަހަރާ ދޭ ހިލޭއެހީގެ ގޮތުގައި 100،000 ޕައުންޑު ހަމަޖެއްސުމާއި 5 އަހަރު ދުވަހުގެ ތަރައްގީގެ މަޝްރޫއުތަކަށް ދޭ އެހީގެ ގޮތުގައި 750،000 ޕައުންޑު ހަމަޖެއްސުން ހިމެނެއެވެ.

ގަމުގެ އެއަރޕޯޓް ވުޖޫދުކުރުން

އިނގިރޭސިން 1958 ވަނައަހަރުގެ މެއި މަހު ގަމުގައި ބޭނުންކުރަން ފެށި ރަންވޭއަކީ އިރުންހުޅަނގަށް ގަމުގެ އެއްކޮޅުން އަނެއްކޮޅަށް ބިނާކޮށްފައިވާ 2650 މީޓަރު ދިގު ރަންވޭއެކެވެ. މިއީ ރާއްޖޭގައި ކޮންކްރީޓުން ބިނާކުރެވުނު ފުރަތަމަ ރަންވޭއެވެ. މިއީ މިހާރުވެސް ގަމުގައި މަތިންދާބޯޓު ޖެއްސުމަށް ބޭނުންކުރަމުން ގެންދާ ރަންވޭއެވެ. ގަމުގެ ކޮންކްރީޓް ރަންވޭ ރަސްމީކޮށް ހުޅުވުނު ތާރީޚާއި އެ ރަންވޭ ބޭނުންކުރަން ފެށި ތާރީޚު ބެލުމުގައި ޚިލާފުތަކެއް އެބަހުއްޓެވެ. އެހެންވެދާނެއެވެ. މާލޭގައި ދާދިފަހަކުން ބިނާކުރެވުނު ސަލްމާން މިސްކިތް އަދިވެސް ރަސްމީކޮށް ނުހުޅުވެއެވެ. އެކަމަކު މިސްކިތް ބޭނުންކުރާތާ އަހަރެއްވަނީއެވެ. ކޮންމެއަކަސް ގަމުގެ އެއާރޕޯޓު 1958 ވަނައަހަރު ބިނާކުރުމުގެ ކުރިންވެސް ގަން ހިމެނޭހެން އައްޑޫއަށް މަތިންދާބޯޓު ދަތުރުކޮށް އިނގިރޭސިންގެ އަސްކަރީ ހަރަކާތްތައް ހިންގާފައިވެއެވެ.

ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ޖަގަހަ ނުވަތަ ޕޯޓް ޓީގެ ނަމުގައި އައްޑުއަތޮޅު ކަނޑައެޅި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށިގެން ދިޔައީ އޯގަސްޓް 1941ގައެވެ. މި މަސައްކަތުގެ ތެރޭގައި ގަމުގެ ހުޅަނގުއުތުރު ކޮޅުން ފެށިގެން އިރުދެކުނަށް 1508މީޓަރުގެ ރަންވޭއަކާއި ހުޅަނގު ދެކުނުގައި ޓެކްސީވޭއެއް ހަދައި ފެބްރުއަރީ 1943 ގައި ބޭނުންކުރަން ފެށިއެވެ. މި ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ އެޗްއެމްއެސް ގެމްބިޔާގެ ވޯލްރަސް ފްލައިޓެކެވެ. އެއަށްފަހު ދެވަނަ ރަންވޭއެއް، ގަމުގެ އިރުއުތުރުން ހުޅަނގުދެކުނަށް 1000 މީޓަރުގެ ދިގުމިނުގައި ހެދިއެވެ.

ކުއްލިހާލަތުގައި މަތިންދާ ބޯޓު ޖެއްސުމަށް ތިންވަނަ ރަންވޭއެއްގެ މަސައްކަތް ވެސް އައްޑޫގައި ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތަށް ބޭނުންވާ ރޯލަރު އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން 1943 ގެ ޖުލައިމަހު އެމަސައްކަތް ހުއްޓާލީއެވެ. ތިންވަނަ ރަންވޭއަކީ 730 މީޓަރު ދިގު އަދި 45 މީޓަރު ފުޅާމިނުގައި އުތުރުންދެކުނަށް ހަދަންފެށި ރަންވޭއެކެވެ. އެހެން ރަންވޭތަކާ ޚިލާފަށް މި ރަންވޭގެ މަސައްކަތް ކުރެވުނީ ގަމުގެ އިރު އުތުރުން 6 މޭލު ދުރުގައި އަތޮޅުގެ އިރުމަތީބިތުގައި އޮންނަ މާފިށީގައެވެ.

ގަމުގައި އިނގިރޭސިން ތިބި ދެ ދައުރު

ކުރިން ފާހަގަކޮށްފައިވާ ފަދައިން އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ދެފަހަރެއްގެ މަތިން ޖަގަހަ ޖަހައިގެން ތިއްބެއެވެ. އިނގިރޭސީން އެންމެ ފުރަތަމަ ފަހަރަށް އައްޑޫއަށް ފޭބީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އޯގަސްޓު 1941 ގައެވެ. މިތިބިތިބުން 28 ފެބުރުއަރީ 1946 އާއި ހަަމައަށް ދެމިގެންދިޔައެވެ. ދެވަނަ ފަހަރަށް އިނގިރޭސީން އައްޑުއަށް ފައިބައި އަސްކަރިއްޔާގެ މަސައްކަތް ކޮށްފައިވަނީ 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 1976 ވަނައަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ.

ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިން ބޭނުންކޮށްފައިވަނީ ކަނޑަށް ޖައްސާ މަތިންދާބޯޓާއި އެއްގަމަށް ޖައްސާ މަތިންދާބޯޓުތަކެވެ. އެއްގަމުގައި ބޯޓު ޖެއްސުމަށް ހަދާފައިވާ ރަންވޭތަކަކީ ގަލާއި ފަސް. އަދި ތާރު ބޭނުންކޮށް އޭގެމަތިން ރޯލަރު ދުއްވައިގެން ހަރުކޮށްފައިވާ ރަންވޭތަކެކެވެ. މިއީ ބޮންއަޅާ ބޯޓުފަހަރު ޖެއްސޭވަރުގެ ރަންވޭތަކެކެވެ. މިއީ ވަގުތީ ރަންވޭތަކަކަށް ވެފައި، 1958 ވަނައަހަރު ކޮންކްރީޓުން މުޅިން އައު ރަންވޭއެއް ބިނާކުރުމާ ގުޅިގެން ކުރީގެ ރަންވޭތަކުގެ ބޭނުންކެނޑުނީއެވެ. ކޮންކްރީޓް ރަންވޭ ހެދިއިރު ކުރީގެ ވެލިރަންވޭތަކުގެ އަސަރެއްވެސް ނެތެވެ. ބޮޑު ހަނގުރާމަ ނިމިގެން އިނގިރޭސިން ގަމުން ފައިބައިގެން ދިޔައީމާ ގަމުގެ ރައްޔިތުން އަލުން ގަމަށް ބަދަލުވެ އެއްކަލަ ރަންވޭ އޮތްތަނުގައި ގެދޮރުއަޅައި ދަނޑުބިންތައް ހަދައި ގޮވާންއިންދައި މިޒާތަކުން އެ ރަންވޭތައް އޮތީ ވުޖޫދުންވެސް ފުހެވިގެން ގޮސްފައެވެ.

އިނގިރޭސިން ފޭބުމަށްފަހު ގަން

އިނގިރޭސިންގެ އަސްކަރީ ހަރަކާތްތައް ހުއްޓާލައި އައްޑުއަތޮޅުން ފޭބުމަށް ނިންމުމާ ގުޅިގެން އަސްކަރިއްޔާގެ ސްޓޭޖިން ޕޯސްޓެއްގެގޮތުގައި ގަމުގައި ބިނާކުރެވުނު ރަންވޭއާއި އެހެނިހެން ވަސީލަތްތައް 1 އެޕްރީލް 1976 ގައި ދިވެހި ސަރުކާރާއި ހަވާލުކުރިއެވެ. އެއަށްފަހު އަހަރުތަކެއްވަންދެން ގަމުގައި މާބޮޑު ހަރަކާތެއް ނުހިނގައެވެ. އެދުވަސްވަރު ގަމުގެ އެއާރޕޯޓަކީ ބޭނުން ކުރެވޭ އެއާރޕޯޓެއް ނޫންކަން ދިވެހި ސަރުކާރުން އިއުލާނުކޮށް ބޭރުގައުމުތަކަށްވެސް އެންގިއެވެ. މިގޮތުގައި އެއާރޕޯޓު އޮތް ދުވަސްވަރު ގެމްބިޔާގެ ފޮރިން މިނިސްޓަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ގަމުގައި އެބޯޓު ޖައްސާފައިވެއެވެ. އެކަމަކު މިޖެއްސުމެއް ޖެއްސީ ހުއްދަ ނުހޯދައިކަމަށް ވެގެން މިނިސްޓަރާއި އަދި އަރިހުގައި ދަތުރުކުރި އެންމެން ގަމުގެ ގާޑުރޫމުގައި ހައްޔަރު ކުރެވުނެވެ. އެހެންނަމަވެސް އެދަތުރަށް ހުއްދަ ހޯދަން ފޮނުވި މެސެޖް އޮތީ ވެލާނާގޭ މޭޒުމަތީގައި އިބްރާހީމް ނަސިރުގެ އަތްޕުޅުގައިކަމާއި އެބޯޓުން ދަތުރުކުރެއްވީ ގެމްބިޔާގެ ފޮރިން މިނިސްޓަރުކަން އެނގުނު ހިސާބުން އެންމެން ވަގުތުން ދޫކޮށްލެވުނެވެ. އަދި އެބޯޓަށް ބޭނުންވީ ތެޔޮވެސް އަޅައިދެވުނެވެ.

މަދަނީ އުދުހުންތަކާއި ގަމުގެ އެއަރޕޯޓް

ގަމުގައި މިހާރުއޮތް ރަންވޭއަށް 63 އަހަރެވެ. ނުވަތަ 64 އަހަރެވެ. ގަމުގެ އެއަރޕޯޓުގެ އަހަރީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ބޭނުންނަމަ، ގަމުގައި އިނގިރޭސީން އަސްކަރީ ބޭނުމަށް ހެދި ރަންވޭއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަދަނީ ވައިގެ ބަނދަރަކަށް އެތަން ބަދަލުކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއަރޕޯޓު ހިންގުމުގެ ހުއްދަދިން ދުވަސް އަހަރީ ދުވަސްކަމުގައި ބެލިދާނެއެވެ. ނުވަތަ ފުރަތަމަ މަދަނީ މަތިންދާ ބޯޓު ޖެއްސި ދުވަސް އަހަރީ ދުވަސްކަމުގައި ބެލިދާނެއެވެ.

ގަމަކީ މަދަނީ ވައިގެ ބަނދަރެއްކަމުގައި ދިވެހި ސަރުކާރުން ކަނޑައެޅުއްވުމަށްފަހު އެތަނުގައި އެންމެފުރަތަމަ މަދަނީ ފްލައިޓެއް ޖެއްސީ 3 އޯގަސްޓް 1981 ގައެވެ. އެއީ އެއާރ މޯލްޑިވްސްގެ ސްކައިވޭން ޑޮމެސްޓިކް ފްލައިޓެކެވެ. އެހެންކަމުން ގަމުގައި މަދަނީ ވައިގެ ޚިދުމަތް ދޭންފެށިފައިވަނީ މީގެ 41 އަހަރު ކުރިން 3 އޯގަސްޓް 1981 ގައެވެ.

އެޑިޓަރުގެ ނޯޓު: އިބްރާހިމްދީދީއަކީ މާލީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު އިލްމީ ބޭފުޅެކެވެ. ދިވެހި ތާރީޚާއި ގުޅޭ ކަންކަމަށް ޚާއްސަ ޝައުގުވެރިކަމެއް ދެއްވައެވެ. ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކުގެ ކަންކަން ދިރާސާކުރެއްވުން ގިނައެވެ.