ރޭ ކުޅުނު ކްލަބު ވޯލްޑް ކަޕްގެ ފައިނަލުގައި އޭޝިއާގެ ޗެމްޕިއަން އަލް-ހިލާލް ބަލިކޮށް، ރެއާލް މެޑްރިޑުން ރެކޯޑު ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ރެއާލްއަކީ މިހާތަނަށް އެންމެ ގިނަ ފަހަރަށް ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް އެ ރެކޯޑު އޮތީ ރެއާލް އަތުގައެވެ. މިފަހަރުގެ ކްލަބު ވޯލްޑް ކަޕް ފައިނަލް މޮރޮކޯގެ ރަބަތުގައި ކުޅެފައިވާ އިރު، ރޭގެ ފައިނަލް ރެއާލުން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ ފައިނަލް ވަރުގަދަކޮށް ފެށީ ޔޫރަޕްގެ ޗެމްޕިއަން ރެއާލުންނެވެ. ފުރަތަމަ ކޮޅުގައި ރެއާލުން ވަނީ ދެ ގޯލުގެ ލީޑެއްވެސް ނަގައިފައެވެ. ވިނީޝިއަސް ޖޫނިއާއާއި ފެޑެރީކޯ ވަލްވާޑޭގެ ގޯލުތަކުން ރެއާލް ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، ހާފުގައި ހިލާލްގެ މޫސާ މަރޭގާ ވަނީ އެޓީމަށް ގޯލު ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރެއާލުން ވަނީ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައިފައެވެ. ކަރިމް ބެންޒެމާއާއި ވަލްވާޑޭގެ ގޯލުތަކުން ރެއާލް ލީޑު އިތުރަށް ފުޅާކުރި ނަމަވެސް އަނެއްކާވެސް ހިލާލުން ގޯލެއް ޖެހިއެވެ. ލޫސިއާނީ ޑާރިއޯ ވިއޭޓޯ އެ ގޯލު ޖެހި އިރު، ހިލާލްގެ ތިންވަނަ ގޯލުވެސް ޖެހީ ވިއޭޓޯއެވެ. ވިއޭޓޯ ހިލާލްގެ ތިންވަނަ ގޯލު ޖެހީ، ރެއާލްގެ ފަސްވަނަ ގޯލަށް ފަހުއެވެ.

ރެއާލްގެ ފަސްވަނަ ގޯލު މެޗުގައި ޖެހީ ވިނީޝިއަސްއެވެ.

ފީފާ ކްލަބު ވޯލްޑް ކަޕްގައި މިހާރު ވާދަކުރަމުންދަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ އިތުރުން ހޯސްޓް ގައުމުގެ ޗެމްޕިއަން ކްލަބުންނެވެ. މިހާރު އޮތް ކްލަބު ވޯލްޑް ކަޕް ފޯމެޓަށް ބޮޑު ބަދަލެއް ގެންނަން ފީފާއިން މަސައްކަތް ކުރަމުންދާ އިރު، އެ ބަދަލު ފެނިގެންދާނީ 2025 ގައެވެ. ފީފާއިން ގެންނަން މަސައްކަތްކުރާ ބަދަލާއެކު ކްލަބު ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 32 އަށް އިތުރުކޮށް މުބާރާތް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ.