ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެއްވެސްކަމެއް ކުރަމުން ގެންދޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާއެއްޗެހި ތަކެއް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް މިދިޔަ ހަފުތާގައި ވަނީ ވާހަކަތަކެއް ފެތުރިފައެވެ. އެކަމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަރު ނަޝީދަށް، ނާޒިމު ފޮނުއްވި ސިޓީގައި ވަނީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަންނަ ފަހުން، އެ ތަކެތި އެތެރެވިޔަ ނުދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާގެ ބެލުމުގެ ދަށުގައި އެ ތަކެއްޗާއި އެ ތަކެތި އެތެރެ ކުރި މީހުން ތިއްބައި އެ ތަކެތި ގެއްލުމުގެ ދެ ހާދިސާއެއް ކައިރި ކައިރީގައި ހިނގާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

"އެ މައްސަލަައަކީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށްވުމުގެ އިތުރުން މުޅި ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ މުހިންމު މުއައްސަސާތަކުގެ ގާބިލުކަމާއި ނަޒާހަތްތެރިކަމާމެދު، ސުވާލު އުފެދޭ ކަންކަމަށްވާއިރުވެސް ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅުއްވިކަން މިހާތަނަށް ހާމަކުރައްވާފެެއް ނުވޭ،" ނާޒިމްގެ ސިޓީގައިވެއެވެ.

ނާޒިމް އިތުރަށް ބުނީ، އެ ހާދިސާތަކާ ގުޅިގެން މުއައްސަސާތައް ޖަވާބުދާރި ކުރުވުމަށް އުފައްދާފައިވާ އެއްވެސް މުއައްސަސާއަކުން އެ މައްސަލަ ބަލައިކަން ނުވަތަ ނޫންކަން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށާއި ހާއްސަކޮށް ކަސްޓަމްސްގެ ކަންކަން ބެލުމުގެ އިހުތިސާސް އޮންނަ އެންއައިސީން އެކަން ހާމަކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރައްވައި، އެކަމުގައި އެންއައިސީގެ އިހުމާލެއް އޮތްތޯ ކޮމިޓީން ބަލައި އެކަމުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ނާޒިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މަޖިލިސް ރައީސް މި މަސައްކަތް ހަވާލުކުރެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއެވެ.

އެ ކޮމިޓީން މިދިޔަ ބުދަ ދުވަހު އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބޭއްވިއެެވެ. އެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް އެ މައްސަލައިގައި އެންއައިސީން ކުރީ ކޮންކަމެއްތޯއާއި ކުރަމުން ގެންދަނީ ކޮންކަމެއް ބެލުމަށް ވަނީ ނިންމައިފައެވެ.