ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަންކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނިހާން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައިވާތީ މިއަދުން ފެށިގެން ނިހާނަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށެވެ.

ނިހާނަކީ މީގެ ކުރިން އިދިކޮޅު ޕާޓީ ޕީޕީއެމްގެ މެމްބަރަކެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އެފަހުން ސިޔާސީ މައިދާނުގައި ނިހާން އެހާ ހަރަކާތްތެރިކޮށް އުޅުއްވާ މަންޒަރު ފެނިފައެއް ނުވެއެވެ.

ގާސިމުގެ އެޑްވައިޒަރުގެ މަގާމަށް ނިހާން އައްޔަންކޮށްފައި މިވަނީ އެޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމަށް ބާއްވާ ކޮންގްރެސްއަށް ކައިރިވެފައި ވަނިކޮށެވެ. އެ ޕާޓީން ބުނެފައި ވަނީ މި މަހު 24 ގައި ބާއްވާ ކޮންގްރެސްގައި ރިޔާސީ އިންތިހާބާއި ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޖުމްހޫރީން ޕާޓީން ކުނޫޒުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު ޖަލްސާގައި" ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އެ ޕާޓީން އެންމެ ފަހުން ކައުންސިލް ބައްދަލުވުމުގައިވެސް ނިންމާފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.