ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ދެ ބިންހެލުމުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް، ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރާވަޑައިގެންފިއެވެ.
ޑރ. މުހައްމަދު އަލީ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމަކަށް ވިޔަސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަމަށެވެ. ތުރުކީއަށް ވަޑައިގެންނެވީ ބޭރުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެންނެވެ.
ޑރ. މުހައްމަދު އަލީ ވަނީ އައިއޭސީއާއެކު މިދިޔަ އޮކްޓޯބަރު މަހު ރޮހިންޖާ މުސްލިމުން އުޅޭ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ވެސް މެޑިކަލް ކޭމްޕެއް ހިންގައިވައިފައެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ތުރުކީ ސަރުކާރުން މިއަދު ބުނީ މިހާތަނަށް އެގައުމުން 18،342 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ސީރިއާއިން 3،377 މީހުން މަރުވެފައިވާ ކަމަށެވެ. 74،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ އިރު، އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާތީ، މަރުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ ތުރުކީ އާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް އިއްޔެ ވިދާޅުވީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިންހެލުމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު