ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ހަތަރު ގޯލާއެކު އަލް ނަސްރު މޮޅުވެއްޖެ

ސައުދީ އަރަބިއާ ލީގުގައި އަލް ނަސްރުން ރޭ ކުޅުނު މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލުން އެ ޓީމް މޮޅުވެއްޖެއެވެ.

މައްކާގެ ކިންގް އަބްދުލް އަޒީޒް ސްޕޯޓްސް ސިޓީގައި ރޭ އަލް ނަސްރުން އަލް-ވެހްދާއާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނަސްރުގެ ހަތަރު ގޯލްވެސް ރޮނާލްޑޯ ޖެހި އިރު، މެޗުން މޮޅުވެ އަލް ނަސްރު ވަނީ ލީގު އެއްވަނައިގައި ހިފައްޓައިފައެވެ. މިހާތަނަށް ކުޅުނު 16 މެޗުން އެޓީމު 37 ޕޮއިންޓް ހޯދައިފައިވާ އިރު، ދެވަނައިގައި އޮތް އަލް-ޝަބާބް ދެވަނައިގައި އޮތީ 17 މެޗުން 37 ޕޮއިންޓާއެކުގައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެކެވެ.

ރޭގެ މެޗަކީ އަލް ނަސްރަށް ލީގުގައި ރޮނާލްޑޯ ކުޅެދިން ތިންވަނަ މެޗެވެ. ރޮނާލްޑޯ ސައުދީއަށް ބަދަލުވެ، ފުރަތަމަ ދެމެޗު ސަސްޕެންޝަނުގެ ސަބަބުން ކުޅެވިފައިނުވާ އިރު، ރޭގެ މެޗަށް ނުކުތް އިރު ކާމިޔާބުކުރެވިފައި އޮތީ އެންމެ ގޯލެކެވެ. އެއީ އަލް-ފަތޭހާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޖެހި ޕެނަލްޓީއެކެވެ.

މެޗުގައި ރޮނާލްޑޯ ހަތަރު ގޯލް ޖަހައިފައިވާ އިރު، މިއީ 2018 ވަނަ އަހަރު މާޗު މަހަށްފަހު ލީގު މެޗެއްގައި އޭނާ ހަތަރު ގޯލް ޖެހި ފުރަތަމަ ފަހަރެވެ. ރެއާލްގައި ރޮނާލްޑޯ ވަނީ ހަތް މެޗެއްގައި ހަތަރު ގޯލް ޖަހައިފައެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ރޮނާލްޑޯ ވަނީ ދެ މެޗެއްގައި ފަސް ގޯލް ޖަހައިފައެވެ. އެއީ އޭނާގެ ކެރިއަރުގައި އެއް މެޗެއްގައި އެންމެ ގިނަ ގޯލް ޖެހި އަދަދެވެ.

ރޮނާލްޑޯ މިދިޔަ ޖެނުއަރީ މަހު އަލް ނަސްރަށް ބަދަލުވީ ރެކޯޑު މުސާރައެއްގައެވެ. ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑާ މައްސަލަ ޖެހި، އިންޓަވިއުއެއް ދިނުމަށްފަހު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.