ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރި ކާމިޔާބުކަމާއެކު ރައްޔިތުންގެ ހިދުމަތުގައި ދެމި އޮންނަތާ 58 އަހަރު ފުރިފައިވާ އިރު، އެސްޓީއޯއިން ވަނީ ދިވެހިންނަށް ބޭނުންތެރި އަސާސީ އެތައް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. 1964 ވަނަ އަހަރު އުފެއްދި އެސްޓީއޯގެ ވިޔަފާރިި، އޭރު ކުޑަގޮތަކަށް ފެއްޓި ނަމަވެސް މިއަދު އެއީ ރާއްޖޭގައި ހުރިހާ ދާއިރާއަކަށް ބޭނުންވާ މުދާ އެތެރެކޮށް އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.
އެސްޓީއޯއިން ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިމާރާތްކުރުމުގެ ދާއިރާއަށް އެ ކުންފުނިން ގެނެސްދީފައިވާ ޒަމާނީ ކުރިއެރުންތަކެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ނެގި ވިސްނުންތެރި ފިޔަވަޅާއެކު 1988 ވަނަ އަހަރު އެސްޓީއޯ އިން ވަނީ "ކޮންސްޓްރަކްޝަންސް"ގެ ނަމުގައި ވަކި ވިޔަފާރި ސެކްޝަނެއް އުފައްދައިފައެވެ. އެސްޓީއޯ ކޮންސްޓްރަކްޝަނަކީ އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެއްތަނަކުން، ހެޔޮ އަގެއްގައި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން އުފެއްދި ސެކްޝަނެކެވެ.
"އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް"ގެ މަސައްކަތަކީ އިމާރާތްކުރުމަށް ބޭނުންވާ ތަކެތި، ކޮލިޓީ އަދި ހެޔޮއަގެއްގައި ދިވެހިންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވަނީ ފާއިތުވި 34 އަހަރު އެ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްދީފައެވެ. މި ވިޔަފާރިން ދިވެހިންނާ ހަމައަށް ގެނެސްދީފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖޭގެ މާހައުލާ އެންމެ ގުޅޭ އަދި ކޮލިޓީއާ މެދު ސުވާލެއް ނުއުފެދޭވަރުގެ އިތުބާރު ހިފޭ ބްރޭންޑުތަކާއި އީޖާދުތަކެވެ. މިގޮތުން ގެނެވޭ ކޮންމެ މުދަލަކީ ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތެރެ ކުރެވޭ މުދާތަކެއް ކަން އެސްޓީއޯއިން ކަށަވަރުކުރެއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންއިން ގެންނަ މުދާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެކުންފުނިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކޮންސްޓްރަކްޝަން އެޖެންޓުން ކަނޑައަޅައި ވަކިވަކި ސަރަހައްދުތަކަށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރުއެޅޭ ކޮންމެ ރަށަކުންވެސް އެސްޓީއޯގެ ކޮންސްޓްރަކްޝަން މުދާ އެންމެ ހެޔޮ އަގުގައި ފަސޭހައިން ލިބުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޒަމާނީކޮށް، އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެސްޓީއޯއިން ވަނީ ރާއްޖެއަށް ރެޑީ މިކްސް ކޮންކްރީޓް ވެސް ތައާރަފުކޮށްފައެވެ. މާލޭ ސަރަހައްދުގައި ތައާރަފު ކުރެވުނު މި ހިދުމަތުގެ ސަބަބުން އާއްމު ރައްޔިތުންނާއި ކޮންޓްރެކްޓަރުން މީގެ ކުރިން އުފުލަމުން ގެންދިޔަ ބޮޑެތި ތަކުލީފުތަކަށް ވަނީ ނިމުމެއް ގެނެސްދީފައެވެ. މިގޮތުން، ކޮންކްރީޓް މަސައްކަތެއް ކުރަން ޖެހިއްޖެނަމަ މީގެ ކުރިން މަގުމަތީގައި ބަސްތާ ޖައްސައި، އެވްރެޖުކޮށް ދިހަ ގަޑިއިރަށް މަގު ބަންދުކޮށްގެން ކުރަމުން އައި މަސައްކަތަށް އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓްގެ ސަބަބުން ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދީފައެވެ. ރެޑީ މިކްސް ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން މަގު ބަންދު ކުރަން ނުޖެހި، އެވްރެޖުކޮށް ކޮންކްރީޓްގެ މަސައްކަތް ހަތަރު ގަޑިއިރުން ނިންމާލެވެއެވެ. އަދި މަގުމަތީގައި ބަސްތާ ޖެއްސުމުގެ ސަބަބުން ވައި ނުސާފުވެ، މާހައުލު ތަޣައްޔަރުވުމުން ވެސް ދުރުކޮށްދެއެވެ.
ރާއްޖޭގައި އުފައްދާ ކޮންކްރީޓްގެ ސްޓްރެންތަކީ ސީ30 ގްރޭޑް ނަމަވެސް އެސްޓީއޯގައި ސީ70 ގްރޭޑްއާ ހަމައަށް ސްޓްރެންތު ނެރުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. ކޮންސްޓްރަކްޝަން ސިނާއަތަކީ ޖައްވަށް ނުސާފު ވައި ބޭރުވުމުގައި ބޮޑު ރޯލެއް އަދާކުރާ ސިނާއަތަކަށް ވާއިރު، މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ގްރީން ކޮންކްރީޓްވެސް ތައާރަފުކޮށްފައެވެ. ރީސައިކަލް ކޮށްފައިވާ ބައެއް ބާވަތްތައް ބޭނުންކޮށްގެން އުފައްދާ މި ކޮންކްރީޓްގެ ސަބަބުން ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު 30 އިންސައްތައާ ހަމައަށް ދަށް ކޮށްދެއެވެ.
އާ އުފެއްދުންތައް މާކެޓަށް ނެރުމުގައި އަބަދުވެސް އެންމެ ކުރީގައީ ހިމެނޭ އެސްޓީއޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފުކޮށްފައިވާ އަނެއް މުހިއްމު އީޖާދަކީ "ކޯނޭ" ބްރޭންޑުގެ ލިފްޓެވެ. ފިންލެންޑްގެ މި އުފެއްދުމަކީ ރާއްޖޭގެ މާކެޓުގައި މިހާރު ނަން ހިނގާ ބްރޭންޑުގެ ލިފްޓެކެވެ. މާލޭ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ބޮޑެތި އެޕާޓްމަންޓް ކޮމްޕްލެސް ތަކުގައިވެސް ހަރުކޮށްފައިވަނީ "ކޯނޭ" ލިފްޓުކަން ފާހަގަކޮށްލެވެއެވެ. "ކޯނޭ"ގެ އެންމެ ފަހުގެ އީޖާދަކަށް އެސްޓީއޯއިން ތައާރަފުކޮށްފައިވަނީ ޓަޗްލެސް ފީޗާއެވެ. އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެއް ސެންޓިމީޓަރު ދުރުން ލިފްޓުގެ ބަޓަންތަކަށް ފިއްތާލުމުން ލިފްޓު ހަރަކާތްކުރާ މި ފީޗާއަކީ މިހާރު ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު ފީޗާއެކެވެ.
އޭގެ އިތުރުންވެސް ކުލައާއި ދަވާދު ބޭނުންވާ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ބްރޭންޑަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ނިޕޯން ޕެއިންޓެވެ. އަދި ޓޫލްސް އަދި އެސެސަރީޒްއިން މާކެޓުގައި އެންމެ ނަން ހިނގާ އަދި އެންމެ އިތުބާރު ހުރި ބްރޭންޑަކީ އެސްޓީއޯއިން އެކްސްކްލޫސިވްކޮށް ޑިސްޓްރިބިއުޓްކުރާ މަކީޓާ ބްރޭންޑެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން މުދާ ގަނެގެން އިމާރާތްކުރުމުގެ ދާއިރާގައި ދިހަ އަހަރަށްވުރެ ގިނަދުވަސް ހޭދަކޮށްފައިވާ ކަސްޓަމަރަކު "ވަން" އަށް މައުލޫމާތުދިން ގޮތުގައި އެސްޓީއޯއިން ކޮންސްޓްރަކްޝަން ވިޔަފާރީގައި ހަރަކާތްތެރި ނުވާނަމަ ރާއްޖޭގެ މާކެޓުގައި އިމާރާތްކުރުމާ ގުޅޭ މުދަލުގެ އަގު އަތްފޯރާ ހިސާބުގައި ނުބެހެއްޓޭނެއެވެ. މިވަގުތު އެސްޓީއޯ އޭޖެންޓެއްގެ ދައުރުވެސް އަދާކުރަމުން އަންނަ އެ ކަސްޓަމަރު ބުނެފައިވަނީ އެސްޓީއޯގެ މުދާ އަބަދުވެސް އެއް ކޮލިޓީއެއްގައި ލިބޭނެ ކަމުގެ ޔަގީންކަން އެ ފަރާތަށް އޮންނަ ކަމަށެވެ.
"މި ދޭތެރެއަކުންވެސް އެސްޓީއޯ އިން ސިމެންތި ހުސްވީމާ، އެހެން ތަަންތަނުން 50 ޕަސެންޓާ އެއްވަރަށް އަގުބޮޑުކުރި. މާކެޓުގައި އެސްޓީއޯ އިން އަސްލު އަގު ތިރިކޮށް މި ހިފަހައްޓަނީ. އަޅުގަނޑުމެންނަށް އަބަދުވެސް ޔަގީންކަން އޮވޭ ކޮލިޓީ މުދާ އަގުހެޔޮކޮށް އަބަދުވެސް ލިބޭނެކަން. މިވީ ދިހަ އަހަރުވެސް އެކަން އޮތީ އެގޮތަށް،" އޭނާ ބުންޏެވެ.
އެސްޓީއޯ އިން އަންނަނީ ބަދަލުވަމުން އަންނަ ޒަމާނާއެކު ކޮންސްޓްރަކްޝަން ދާއިރާއަށް އަލަށް ތައާރަފުވާ ބްރޭންޑު އަދި މުދާ ވެސް ފޯރުކޮށްދެމުންނެވެ. މުސްތަގުބަލުގައިވެސް އެސްޓީއޯއިން މަސައްކަތް ކުރަމުން ގެންދާނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިންގިލާބީ ބަދަލުތަކެއް އަންނަ އީޖާދީ އުފެއްދުންތައް މާކެޓަށް ތައާރަފުކުރުމުގައި ދެމިހުރުމަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.