ދެކުނުގެ ރަށެއްގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ރާއްޖޭގެ އެންމެ ދެކުނުން އަތޮޅެއްގެ ރަށެއްގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ އެއްވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ދެކުނުގެ ރަށެއްގައި އަންހެން ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރި އިރު، މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއްގައި 60 އަހަރުގެ މީހަކާއި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.