ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިންކަމުގެ ދައުވާގެ ދިފާއުގައި މުއިއްޒު ހުށަހަޅުއްވާފައި ހުރި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނަސް، އެގޮތަށް ނިންމޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފައެވެ.
އެ މައްސަލައިގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުން ކުރިން ކޯޓަށް ހުށަހަޅައިފައެވެ. އެއީ ތަހުގީގުގައި މުއިއްޒު ހަނު ހުރެފައިވާތީ ކަމަށް ބުނެއެވެ.
ނަމަވެސް އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ ދިފާއީ ހެކިތައް ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ.
އެ މައްސަލައިގައި ދެން އޮންނާނީ، ޝަރީއަތް ފަށައި ހެކީންގެ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ 25 ޖޫން 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިޔަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ، ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު