ޒުވާނުން ތަމްރީނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 ބައިވެރިޔަކު ފުރިހަމަކޮށްފި އެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިންނަށް ޕްރޮގްރާމް ނިންމައި މިއަދު ވަނީ ސަނަދު ހަވާލުކޮށްފައެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީގެ ފަރާތުން ހުއްޓުމެއްނެތި ހިންގި މިފަދަ ފަސްވަނަ ޕްރޮގްރާމެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 72 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ. ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީނުކޮށްފައިވާއިރު ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ގައުމީ ސަނަދު ލެވެލް3ގެ ސެޓްފިކެޓު ދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިހުތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދީ ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލު ބަޔަކަށް ހެދުން ކަމަށާއި މި ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ދެވޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ރާއްޖޭގައި ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ގާބިލު ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކަމަށް މަގުފަހި ކޮށްދިނުމަކީ އެޗްޑީސީއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވެސް ބުންޏެވެ. އެ ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް، ބިލްޑިން މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިން، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ އާއި އެކު ސޮއި ކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކްގެ ފަންޑު، "ކޮވިޑް -19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުގައި ކަމަށާއި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމްއައިޓީ ހަމަޖައްސަވާފައި ޔޫތް މިނިސްޓްރީގެ ފަރާތުން ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ގައުމު ތަރައްގީ ކުރުމުގައާއި ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވަނީ ވިދާޅުވެފަ އެވެ. އަދި 2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލު ކޮށްފައިވަނީ ވެސް އެޗްޑީސީން ކަމަށް އެ ކުންފުނީން ބުނެއެވެ.