ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ މިއަދު ކައިވެނިކޮށްފިއެވެ.
ސިދާތާއި ކިއާރާ ކައިވެނިކޮށްފައިވަނީ ރާޖަސްތާންގެ ޖައިސަލްމާރްގައި ހުންނަ ސޫރިޔަގަރް ޕެލެސްގައެވެ. މި ކައިވެނީގައި ބޮލީވުޑް ފަންނާނުންނާއި ޑައިރެކްޓަރު ކަރަން ޖޯހަރް، ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަންބާނީގެ އާއިލާވެސް ބައިވެރިވެފައިވެއެވެ.
ސިދާތާއި ކިއާރާ ކައިވެނިކުރިކަން އިއުލާންކުރުމަށް އެ ދެ ތަރިން ވަނީ އެމީހުންގެ އިންސްޓަގްރާމުގައި ޕޯސްޓެއް ކޮށްފައެވެ. ދެ ތަރިންވެސް ޕޯސްޓްކޮށްފައިވަނީ އެއް ފޮޓޯތަކެކެވެ. އަދި ކެޕްޝަންގައި ލިޔެފައި ވަނީވެސް އެއް ބަސްތަކެކެވެ. އެ ޕޯސްޓުގައި ހިމަނާފައިވަނީ އެ ދެތަރިން އެންމެ ފުރަތަމަ ފެނިގެންދިޔަ "ޝޭރްޝާހް" ފިލްމްގެ ޑައިލޮގެކެވެ. އަދި ދެ ތަރިންވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކަކީ އުފާވެރި ދުވަސްތަކަކަށްވުމަށް އެދި ހުރިހާ އެންމެންގެ ހެޔޮދުއާއަށް އެދިފައެވެ.
ސިދާތާއި ކިއާރާ ލޯބީގެ ގޮތުން ގުޅުނީ އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިން ދިމާވެގެންނެވެ. ނަމަވެސް ދެ މީހުން ޑޭޓް ކުރާކަން ހާމަކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮފީ ވިތު ކަރަންގެ ވަކިވަކި ދެ އެޕިސޯޑުގައި ދެ ތަރިންވެސް ބައިވެރިވެ، އެ އެޕިސޯޑްތަކުގައެވެ.
ސިދާތު ބޮލީވުޑަށް ތައާރަފުވެފައިވަނީ ކަރަން ޖޯހަރްގެ ސްޓޫޑެންޓް އޮފް ދަ އިޔާއިންނެވެ. އަދި އޭނާ ވަނީ "މައި ނޭމް އިޒް ޙާން" ގެ އެސިސްޓެންޑް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ކިއާރާއަކީ ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ގުޅިފައިވާ އާއިލާއެއްގެ މެންބަރެކެވެ. އޭގެ ތެރޭގައި އަޝޯކް ކުމާރާއި ސައީދު ޖެފްރީ ހިމެނެއެވެ. އަދި ކިއާރާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި މުކޭޝް އަންބާނީގެ ދަރި އީޝާ އަންބާނީ ހިމެނެއެވެ. ކިއާރާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2014 ވަނަ އަހަރު ފިލްމު "ފަގްލީ" އިންނެވެ.
ސިދާތު އެންމެ ފަހުން ފެނިފައިވަނީ "މިޝަން މަޖްނޫ" އިންނެވެ. ސައުތު އިންޑިއާގެ ބަތަލާ ރަޝްމިކާ މަންދާނާއާ އެކު އޭނާ ކުޅުނު މި ފިލްމު ރިލީޒްކުރީ ނެޓްފްލިކްސް ގައެވެ. ކިއާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ގޯވިންދާ ނާމް މެރާ" އިންނެވެ. އޭނާއާ އެކު އެ ފިލްމުން ފެނިގެން ގޮސްފައިވަނީ ބޫމީ ޕެޑްނޭކަރް އާއި ވިކީ ކޯޝަލްއެވެ.