ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން 2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "އޯމް ޝާންތީ އޯމް" ގައި ބަތަލާ ދީޕިކާ ޕަދުކޯން ތަމްރީނުކުރުމަށް ބޭނުންކުރި ތަފާތު އުކުޅުތަކުގެ ތަފުސީލުތައް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކިޔައިދީފިއެވެ.
ފަރާ ހާން ބުނި ގޮތުގައި، ދީޕިކާގެ ފުރަތަމަ ފިލްމަށް އޭނާ ތައްޔާރުކުރުމުގެ ގޮތުން، ފިލްމުގެ ޝޫޓިން ފެށުމަށްފަހުވެސް ފުރަތަމަ 10 ދުވަހު ދީޕިކާ ލައްވައި އެކްޓުކުރުވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފަރާ އޭނާއަށް އިރުޝާދު ދީފައިވަނީ ކޮންމެ ދުވަހަކު ސެޓަށް ގޮސް، ފިލްމުގެ ލީޑު އެކްޓަރު ޝާހުރުކް ހާން އެކްޓުކުރާ ގޮތާއި ކެމެރާ ކުރިމަތީގައި ހަރަކާތްތެރިވާ ގޮތް ބަލަން އިނުމަށެވެ. މިއީ ޕްރޮފެޝަނަލް އެކްޓިން ދަސްކޮށްދިނުމަށް ބޭނުންކުރި އުކުޅެއް ކަމަށް ފަރާ ފާހަގަކުރިއެވެ.
މީގެ އިތުރުން، ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ހަތަރު މަސް ވާންދެން އަނޫޕަމް ކޭރްގެ އެކްޓިން ކުލާސްތަކަށާއި ކަތަކް ނެށުމުގެ ކުލާސްތަކަށް ދީޕިކާ ފޮނުވި ކަމަށްވެސް ފަރާ ބުންޏެވެ. އަދި ދީޕިކާގެ ގިނަ ލުކް ޓެސްޓުތަކެއް ހެދި ކަމަށްވެސް އޭނާ ބުންޏެވެ.
މި މައުލޫމާތުތައް ފަރާ އާންމުކޮށްފައިވަނީ ބަތަލާ ދިޔާ މިރްޒާއާއެކު ދާދި ފަހުން ބައިވެރިވި ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި ދިޔާ މިރްޒާ ވަނީ އޭނާގެ ފުރަތަމަ ފިލްމު ކުޅުނުއިރު އެއްވެސް ތަމްރީނެއް ނުލިބި، ދުވާލަކު 27 ގަޑިއިރު މަސައްކަތްކުރަން ޖެހުނުކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ދީޕިކާއަށް ފަރާ ހާން ދިން ހާއްސަ ސަމާލުކަމާއި ތަމްރީނުތަކުގެ ސަބަބުން، "އޯމް ޝާންތީ އޯމް" ވެގެންދިޔައީ ދީޕިކާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފެށުމަށެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އޯމް ޝާންތީ އޯމް" އަކީ 2007 ވަނަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ކޮމެންޓް