ޕާކިސްތާނުގެ ނަމުގައި ވަކި ދައުލަތެއް 1947 ވަނަ އަހަރު އުފެދުނުފަހުން 76 އަހަރުވީއެވެ. ފާއިތުވި ދިގު މާޒީގައި އެ ދައުލަތުގެ ވެރިކަން އެންމެ ގިނަދުވަހު ކޮށްފައިވަނީ ސިފައިންގެ ޖެނެރަލުންނެވެ. އަސްކަރީ ވެރިކަމެއްގެ ގޮތުގައެވެ. ޖެނެރަލް ޔަހުޔާ ޚާނަކާއި ޖެނެރަލް އައްޔޫބު ޚާނަކާއި ޖެނެރަލް ޒިޔާއުލް ހައްގަކާއި މިހެންގޮސް އެތައް ޖެނެރަލުންނެކެވެ. ޕާކިސްތާނުގައި އެންމެފަހުން މިފަދަ ވެރިކަމެއް ކުރެއްވި ޖެނެރަލަކީ ޕަރުވޭޒް މުޝައްރަފެވެ. އޭނާ ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މި ހަފުތާގައި އަވަހާރަވެފައެވެ. ވަރަށް ދިގު މުއްދަތަކަށް ހަސްފަތާލުގައި އޮންނަވައިގެން ފަރުވާ ހޯއްދެވިފަހުން އުމުރުފުޅުން 79 އަހަރުގައެވެ. ޖެނެރަލް ޕަރުވޭޒް މުޝައްރަފުގެ ސިޔާސީ ހަޔާތަކީ އިންތިހާއަށް އަޑިގުޑަން ހަޔާތެކެވެ. ފިލާވަޅެއްގެ ގޮތުގައިވެސް ބަލައިލުން އެދެވިގެންވާ ހަޔާތެކެވެ.
ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ވެރިކަން އިންގިލާބުކޮށްލެއްވުމަށްފަހު ޖެނެރަލް މުޝައްރަފު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ 1999 ގައެވެ. އޭގެފަހުން އޭނާ އަވަހާރަކޮށްލުމަށް އެތަކެއްފަހަރުމަތިން އެތަކެއް ހަރަކާތެއް އެކި ފަރާތްތަކުން ވަނީ ހިންގައިފައެވެ. މުޝައްރަފުގެ ވެރިކަމަކީ ހަރުކަށި ފިކުރުގެ މީހުން ނުހަނު ބޮޑަށް ނުރުހިގެން އުޅުނު ވެރިކަމެކެވެ. ހުޅަނގުގެ މިތުރެއްގެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާތީއެވެ. ޓެރަރިޒަމާ ދެކޮޅު ބައިނަލްއަގުވާމީ ކެމްޕޭނަށް އެހީތެރިކަން ދެއްވާތީއެވެ. މުޝައްރަފުގެ ވެރިކަން ނިމުމަކަށް އައީ 2008 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައި ރައްޔިތުން އޭނާއަށް ނޫނެކޭ ބުނުމުންނެވެ. ވެރިކަން ބީވުމާއެކު ދެން ފެށިގެންދިޔައީ ސަރިޔަތަށް ހާޒިރުކުރުމާއި ހުކުމް އިއްވުމާއި ހުރަގެޔަށްލުންފަދަ ކަންކަމުގެ ދިގު ސިލްސިލާއެކެވެ.
ޕަރުވޭޒް މުޝައްރަފު އުފަންވެވަޑައިގަތީ ޕާކިސްތާން އުފަންވުމުގެ ހަތަރު އަހަރުކުރިން 11 އޮގަސްޓް 1943 ގައެވެ. އިންޑިޔާގެ ވެރިރަށް ދިއްލީގައެވެ. މުޝައްރަފުގެ އާއިލާ ދިއްލީ ދޫކޮށް ހިޖުރަކުރީ އެތައް މިލިޔަން މުސްލިމުންނާއެކު ޕާކިސްތާނު ވުޖޫދުވުމާއެކުގައެވެ. މުޝައްރަފު ތައުލީމް ހާސިލްކުރެއްވީ އެންމެ ފުރަތަމަ ސިންދު ޕްރޮވިންސްގެ ކަރާޗީގައެވެ. އެއަށްފަހު ޕަންޖާބު ޕްރޮވިންސްގެ ލާހޫރުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1961 ގައެވެ. އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ހަނގުރާމަޔަކީ 1965 ވަނަ އަހަރު އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ކުރެވުނު ވަރުގަދަ ހަނގުރާމައެވެ. އޭގެ ފަސްއަހަރު ފަހުން 1970 ވަނަ އަހަރު މި ދެގައުމުގެ މެދުގައި ކުރެވުނު ހަނގުރާމައިގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭރު އެއީ ޔުނިޓް ކޮމާންޑަރެކެވެ.
ޖެނެރަލް މުޝައްރަފަށް ސިފައިންގެ އެންމެ އިސް ކޮމާންޑަރުކަން ލިބިވަޑައިގަތީ 1998 ވަނަ އަހަރު ޖެނެރަލް ޖަހާންގީރު ކަރާމަތު ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ އިސްތިއުފާއަކީ ބޮޑުވަޒީރު ނަވާޒް ޝަރީފާ ދެމެދު އުފެދުނު ކޯޅުމަކާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ. ދެން ވަޑައިގެންނެވި ޖެނެރަލް މުޝައްރަފު އެމަގާމުން ދުރުކުރުމަށްވެސް އޭގެ އެއް އަހަރު ފަހުން ނަވާޒް ޝަރީފު މަސައްކަތް ކުރެެއްވިއެވެ. ހަގީގަތުގައި ނަވާޒް ޝަރީފާ ދެކޮޅަށް ސިފައިން ނުކުމެ ވެރިކަން އިންގިލާބުކޮށްލަން ޖެހުމުގެ ސަބަބަކީވެސް އެއީއެވެ. ސިފައިންގެ ޗީފް އޮފް ސްޓާފްކަމުން ޖެނެރަލް މުޝައްރަފު ވަކިކުރަން ނަވާޒް ޝަރީފު ނިންމެވީ ގައުމުން ބޭރުގައި ހުންނަވަނިކޮށެވެ. އަވަސްގޮތަކުން އެނބުރި ގައުމަށް ވަޑައިގެން ނަވާޒް ޝަރީފުގެ ވެރިކަން އޭނާ ވައްޓައިލެއްވިއެވެ.
މުޝައްރަފުގެ އަސްކަރީ ވެރިކަން އޭނާ ފެއްޓެވީ ޗީފް އެގްޒެކަޓިވްގެ ގޮތުގައެވެ. ދެންވެސް ރައީސް ރަފީގު ތަރާރު އެމަގާމުގައި ބެހެއްޓެވިއެވެ. އެހެންނަމަވެސް ދެ އަހަރު ފަހުން ތަރާރު މަގާމުން ދުރުކުރައްވައި 2001 ވަނަ އަހަރު ޖެނެރަލް މުޝައްރަފު އަމިއްލަފުޅަށް ރައީސްގެ ޓައިޓަލް ބޭނުންކުރައްވަން ފެއްޓެވީއެވެ. މުޝައްރަފުގެ ވެރިކަމުގެ ފުރަތަމަ އަހަރަކީ އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެގެންދިޔަ އަހަރަކެވެ. ކަޝްމީރުގެ ކަރްގިލްގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގީ އެއަހަރުއެވެ. އަދި އިންޑިޔަން އެއަރލައިންސްގެ މަތިންދާބޯޓެއް ހަނގުރާމަވެރިން ވައިފޭރުނީވެސް އެއަހަރުއެވެ. ދެގައުމުގެ މެދުގައި ހުޅުވިފައިއޮތް ބޮޑު ހަނގުރާމައެއް ނުފެށުނީ ހަމަކިރިޔާއެވެ. ހަނގުރާމައެއް ނުފެށުނީ އޭރު ޕާކިސްތާނާއި އިންޑިޔާގައިވެސް ނިއުކުލިއަރ ހަތިޔާރު ހުރުމުންނެވެ.
ހުޅަނގުގެ މިތުރަކަށް ރައީސް މުޝައްރަފު ވެވަޑައިގެންނެވީ 2001 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރުމަށް ތާއީދު ކުރައްވައި ޕާކިސްތާނުގެ އެއްގަމާއި ވަޔާއި ކަނޑުގެ ސަރަހައްދު އެމެރިކާ ސިފައިންނަށް ހުޅުވައިލެއްވުމުންނެވެ. ހުޅަނގުގެ ތާއީދާއެކު ވެރިކަން ކުރައްވަމުން ވަޑައިގެން 2007 ވަނަ އަހަރު ވަރަށް ބޮޑު ދެ ގޯހެއް މުޝައްރަފު ހައްދަވައިފިއެވެ. އެއްގޯހަކީ އުއްތަމަފަނޑިޔާރު އިފްތިޚާރު ޗައުދަރީ މަގާމުން ދުރުކުރައްވައި ކުއްލި އަމުރުގެ ގާނޫނު ހިންގެވުމެވެ. އަނެއްގޯހަކީ އެންމެ ބޮޑު އިދިކޮޅު ލީޑަރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމެވެ. މިކަމަކީ ސިފައިންގެ ޖާސޫސީ އިދާރާގެ އަތެއް އޮވެގެން ހިންގުނު ހާދިސާއެއްކަމަށް އެންމެންވެސް ގަބޫލުކުރިއެވެ. ޖެހިގެންއައި 2008 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައި މުޝައްރަފު ބަލިވެ ސަރުކާރު ހިންގުމުގެ ބާރު އިދިކޮޅު އިއްތިހާދަށް ލިބުނީ މި ހާދިސާގެ ސަބަބުންނެވެ.
އިދިކޮޅު ކޯލިޝަނުން 2008 ވަނަ އަހަރުގެ އާއްމު އިންތިޚާބު ކާމިޔާބުކުރިއަސް ރައީސްގެ ގޮތުގައި ދެންވެސް ވެރިކަމުގެ ތެރޭގައި ދެމިހުންނެވުމަށް މުޝައްރަފު މަސައްކަތް ކުރެއްވިއެވެ. އެކަމަކު ގާނޫނުހަދާ މަޖިލީހުގެ ތެރެއިން އޭނާ ރައީސްކަމުން ދުރުކުރާނޭކަން ގާތްގަޑަކަށް ކަށަވަރުވުމުން 2008 ވަނަ އަހަރުގެ އޮގަސްޓް މަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު ގައުމު ދޫކުރައްވައި 2013 ވަނަ އަހަރާ ހަމަޔަށް ދިރިއުޅުއްވީ ދުބާއީ އާއި ލަންޑަނުގައެވެ. އަނެއްކާވެސް 2013 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގެން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމަށް ގަދައެޅުއްވިއެވެ. ދެންދިމާވީ މާދެރަ ގޮތެކެވެ. އިންތިޚާބެއްގައި ވާދަނުކުރެއްވޭގޮތަށް ކޯޓުން ހުކުމެއް ނެރުނީއެވެ. ވެރިކަމުގެ ދުވަސްވަރު ކުރައްވާފައިވާ އެކި ކަންކަމަށް އެކިވަރުގެ ހުކުމްތައްވެސް އައީއެވެ.
ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރެވިފައިއޮތް އޮތުން 2016 ވަނަ އަހަރު އުވައިލީމާ ފަރުވާ ހޯއްދެވުމަށް މުޝައްރަފު ވަޑައިގެންނެވީ ދުބާއީއަށެވެ. ވެރިކަމުގެ ދުވަސްވަރު ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަން ދައުލަތާ ދެކޮޅު އެންމެ މަތީދަރަޖައިގެ ޖަރީމާތަކަށްވެގެން ކޯޓުން އޭނާ މެރުމަށް 2019 ވަނަ އަހަރު ހުކުމްކުރިއެވެ. އެ ހުކުމަށް އެއްމަސް ފަހުން ލާހޫރުގެ ހައިކޯޓުން އެ ހުކުމް ބާތިލްކުރިއެވެ. އޭރު މުޝައްރަފު އޮންނެވީ ދުބާއީގެ ހަސްފަތާލުގައި ދާއިމީ ގޮތެއްގައި އެޑްމިޓްކުރެވިފައެވެ. މުޝައްރަފަށް ޖެހުނު އާލާސްކަންފުޅަކީ ވަރަށް މަދުން ނޫނީ ނުފެންނަ ގިލަންވެރިކަމެކެވެ. ފަރުވާއެއްވެސްނެތް ގިލަންވެރިކަމެކެވެ. ހުސްވި 2022 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އޭނާ އަވަހާރަވި ކަމުގެ ޚަބަރުތައްވެސް ފެތުރުނެވެ. ފަހުން އެނގުނު ގޮތުގައި އަވަހާރައެއް ނުވެއެވެ. އެކަމަކު މެޝީންތަކުގެ އެހީގައި ދުނިޔޭގައި އޮންނެވި ކަމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ