ސަރުކާރުގެ ވުޒާރާތަކުން ފޯނު ނުނެގުމާއި ހިދުމަތް ހޯދުމުގައި ކިއުގައި ޖެހެންތީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ނިމުމަކަށް ގެނައުމަށް އަންނަ މަހު ވަން-ގަވް ތައާރަފުކޮށް ހިދުމަތްތައް އޮންލައިން ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު ކަމަށާއި އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ހިދުމަތް ލޯންޗް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ، މީގެއިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގާ ގާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކަޒުތަކެއް،" ރައީސް ވިދާޅުވިއެވެ.
ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު އަނެއް ތަކުލީފު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއީ ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގާ ތާށިވެ، ރައްޔިތުން ތިބެންޖެހޭ ކަމެއް، މިކަން މިދަނީ ބަދަލުކުރަމުން، އަންނަ މާރިޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރެވޭނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު