ޕާކިސްތާންގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް މިއަދު އަވަހާރަވެއްޖެއެވެ.
މުޝައްރަފް އަވާހަރަވެފައިވަނީ ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ހޮސްޕިޓަލުގައެވެ. އަވަހާރަވި އިރު މުޝައްރަފުގެ އުމުރުފުޅަކީ 79 އަހަރެވެ.
ޕާކިސްތަނުގައި ސިފައިން ހިންގި ބައާވަތެއްގެ ތެރެއިން މުޝައްރަފު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2001 ވަނަ އަހަރެވެ. މުޝައްރަފު ވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވައިފައެވެ. އެއަށްފަހު ވެރިކަން ބަދަލުވެ އޭނާގެ މައްސަލަތައް ބަލަން ފެށުމުން މުޝައްރަފު ވަނީ ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. 2013 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އިންތިހާބުގައި ވާދަކުރެއްވުމަށް މުޝައްރަފު ވަނީ އަނބުރާ ޕާކިސްތާނަށް ވަޑައިގެންފައެވެ.
އޭނާ ގައުމަށް ވަޑައިގަތުމުން ވަނީ ހައްޔަރުކޮށްފައެވެ. މުޝައްރަފުގެ މައްޗަށް ވަނީ ހައި ޓްރީޒަންގެ ދައުވާތައްކޮށްފައެވެ. ކޯޓުން އެ މައްސަލަތަކުގައި އޭނާގެ މައްޗަށް އިއްވާފައިވަނީ މަރުގެ ހުކުމެވެ. މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް ފަހުން އެ ހުކުމްތައް ވަނީ ބަދަލުކޮށްފައެވެ.
އެ ހުކުމަށްފަހު މުޝައްރަފު ވަނީ 2016 ވަނަ އަހަރު ޔޫއޭއީގެ ދުބާއީއަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފަށްޓަވާފައިވަނީ އެ އަހަރުން ފެށިގެންނެވެ. މުޝައްރަފުގެ ހަށިގަނޑު ޕާކިސްތާނަށް ގެންދިޔުމަށް މިހާރު ދަނީ ހާއްސަ ފުލައިޓެއްގެ އިންތިޒާމު ހަމަޖައްސަމުންނެވެ.
މުޝައްރަފަކީ އޭނާ ރައިސްކަން ކުރެއްވި އިރު، ޕާކިސްތާނުގެ ސިފައިންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. މުޝައްރަފަކީ ކުރީގެ ޖެނެރަލެކެވެ. މުޝައްރަފު އަވަހާރަވުމުން ސިފައިންގެ ޖެނެރަލުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މުޝައްރަފު ފާހަގަ ކުރެވިފައިވަނީ އެމެރިކާގެ "ވާ އޮން ޓެރަރިޒަމް" އަށް ވަރަށް ބޮޑަށް ތާއިދުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމެރިކާ ސިއްސުވާލި 9/11 ހަމަލައާށްފަހު އެގައުމުން އިއުލާންކުރި "ވާ އޮން ޓެރަރިޒަމް" އަށް ތާއިދުކުރެއްވުމުގެ ގޮތުން މުޝައްރަފު ވަނީ އެމެރިކާގެ ސިފައިންނާއި ސީއައިއޭގެ އޮފިޝަލުން އެގައުމުގައި ސްޓޭޝަންވުމަށް ތާއިދުކުރައްވައިފައެވެ. އެކަމުގެ ސަބަބުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ގައިދާއިން ވަނީ މުޝައްރަފު އަވަހާރަކޮށްލުމަށް ތަފާތު އެކިފަހަރު މަތިން މަސައްކަތް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ