ފީޗާރޑް

އެންމެ ފަހުން ފައްކާ ކުރެވިފައިވާ އޮލިމްޕަހެއް، ޒަމާނީ ވަސީލްތަކާއެކު ލިބެނީ ހިތްހަޖެހުމެއް

ފުޓުބޯޅަ މެޗަކުން މުނިފޫހި ފިލުވައިލި އެ ޒަމާނުގައި ދިވެހީން ހައިރާންކޮށްލީ 1959 ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު މާލޭގެ މަޖީދީމަގުގައި ހުޅުވި ބޮޑު އިމާރާތެވެ. އޭރުގެ ބަހުން ނަމަ ބައިސްކޯފެވެ. މިއަދުގެ އޮލިމްޕަހެވެ. އެ ޒަމާނަކީ ދިވެހި ފިލްމުގެ ޒަމާނަކަށް ނުވި ނަމަވެސް ފަންނާނުންގެ ޝޯތަކާއި ޑުރާމާތަކާއި ތަމްސީލުތައް އޮލިމްޕަހުގެ ސްޓޭޖުން ފެނިގެން ގޮސްފައިވެއެވެ. ހިންދީ ފިލްމުތަކާއި ތަމަޅަ ފިލްމުތަކުން ދިވެހިން ހައިރާންކޮށްލިއެވެ. ކޮންމެ ޝޯއެއް ދިޔައީ ހައުސްފުލްކޮށެވެ. ބޯ ވާރޭގައްޔާއި ރަތްދަކަ އަވީގައި ކިޔޫ ހަދާފައި ޓިކެޓު ނަގަން މީހުން ތިބެއެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ އޮލިމްޕަހުގެ ތިއޭޓަރުވެސް ބަދަލުވެއްޖެއެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑު19އިގެ ބަލިމަޑުކަމުގައި ލޮކްޑައުންކުރި އިރު އޮލިމްޕަސްވެސް ބަންދުކުރަންޖެހުނެވެ. އެއީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ބަދަލުކުރަން ލިބުނު ފުރުސަތެކެވެ. މީގެ 64 އަހަރު ކުރިން ހުޅުވި އޮލިމްޕަހާއި ތިން އަހަރު ދުވަސްފަހުން ރޭ ހުޅުވި އޮލިމްޕަސް ހާސް ގުނަޔަށް ތަފާތެވެ. ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެގޮތަށް ހިދުމަތްތަކާއި ވަސީލަތްތައް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން މާލޭގައި މިޔުޒިކު ޝޯތައް ބޭއްވުމާއި ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލު ކުޅުމުގެ ފުރުސަތު ފަހިވާގޮތަށް ބަދަލުތައް ގެނެސްފައިވުމާއި މިޔުޒިކާއި ނެށުމަށް ހާއްސަ ޕްރެކްޓިސް ރޫމް ތަރައްގީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ހިދުމަތްތަކާއި ވަސީލަތްތައް އިތުރަށް ތަރައްގީކޮށްފައެވެ.

ގިނަ އަދަދެއްގެ ފަންނުވެރީންނާއި ފިލްމީތަރިންގެ ބައިވެރިވުމާއެކު އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެރޭ ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ދައުލަތުގެ ވަޒީރުންނާއި އިންޑިއާގެ ހައިކޮމިޝަނަރު ވެސް ބައިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، އޮލިމްޕަހަކީ ދިވެހިންގެ އެތައް ހަނދާންތަކަކާ ގުޅިފައިވާ ކުރީގެ އިމާރާތެއް ކަމަށްވުމުން އެތަން މަރާމާތު ކޮށްފައިވަނީ ޑިޒައިނަށް މާބޮޑު ބަދަލެއް ނުގެނެސް ކަމަށެވެ. އޮލިމްޕަހަކީ ރާއްޖޭގެ މުނިފޫހިފިލުވުމާއި ފަންނުވެރިކަމާއި މިޔުޒިކީ ދާއިރާއާ ގުޅުންހުރި މުހިއްމު ތަނެއްކަމަށާއި މިއީ ރާއްޖެއާއި ސަރަހައްދީ ގައުމުތަކާ އޮންނަ ގުޅުން ވެސް ރަމްޒުކޮށްދޭ މުހިންމު އިމާރާތެއް ކަމަށެވެ.

ޔުމްނާ މިހެން ވިދާޅުވީ އެންމެ ފުރަތަމަ އޮލިމްޕަސް އިމާރާތްކޮށްދީފައިވަނީ ލަންކާ ސަރުކާރުގެ އެހީގައި ކަމަށް ވުމުންނެވެ. އޭގެ ފަހުން މިފަހަރު އޮލިމްޕަސް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީވަނީ ލިބިފައެވެ.

އޮލިމްޕަސް ނުހުޅުވި ލަސްތަކެއް ވުމުން ގިނަ ފަންނާނުންނާއި ފިލްމީ ތަރިން އަދި ފިލްމު އުފައްދާ ފަރާތްތަކާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ޔުމްނާ ވިދާޅުވީ ލަސްތަކެއް ވިކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ލަސްވީ ބޭރުން ގެންނަން ޖެހޭ މުހިންމު ސާމާނުތައް ގެނައުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވީ އޮލިމްޕަސް އަލުން މަރާމާތު ކުރުމުގެ މަޝްރޫއަކީ މިހާރު އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ހިންގާ އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތަކުގެ ރަނގަޅު ނަމޫނާއެއް ކަމަށެވެ. ކުރިއަށް އޮތްތާނގައި އިންޑިއާގެ މިޔުޒިކް ޝޯތައްވެސް އޮލިމްޕަހުގެ ސްޓޭޖުމަތިން ފެނިގެންދިޔުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ހަަފުލާގައި އޮލިމްޕަހުގެ ދިގު ތާރީހު ދައްކައިދޭ ރިޕޯޓެއްގެ އިތުރުން ރާއްޖޭގެ ފިލްމީ ފަންނާނުންގެ ފަރާތުން "އަހަރެންގެ އޮލިމްޕަސް"ގެ ނަމުގައި މިޔުޒިކަލް ސްޓޭޖް ތަމްސީލެއް ގެނެސްދިނެވެ. ކޮމެޑީ ރަހަތަކާއެކު 70 އެއްހާ ފަންނާނުން ގެނެސްދިން މި ތަމްސީލުގައި ކުރީގެ ބައެއް ފިލްމީ ތަރިންވެސް ފެނިގެން ދިޔައެވެ. މި ތަމްސީލު މެދުވެރިކޮށް އޮލިމްޕަހުގައި ފުރަތަމަ އެޅުވި ފިލްމުން ފެށިގެންގޮސް އެތަނުގައި ބޭއްވި މުހިންމު ބައެއް ކަންތައްތަކަށް އަލިއަޅުވައިލި އެވެ. އެގޮތުން އެކި ޒަމާންތަކާއި އެ ދުވަސްވަރު ފިލްމީ ފޯރި ހުރި މިންވަރުވެސް މި ތަމްސީލުން ފެނިގެންދިޔައެވެ. އޭގެ އިތުރުން ރާއްޖޭގެ ބައެއް މިޔުޒިކީ ފަންނާނުންނާއި އިންޑިއާ ބައެއް ފަންނާނުންގެ މިޔުޒިކީ ހަރަކާތްތަކެއްވެސް މި ހަފުލާގައި ފެނިގެންދިޔައެވެ.

ޖުމްލަ 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އޮލިމްޕަސް ތަރައްގީކޮށް ހުޅުވާފައިވާއިރު ކުރިން އެ ތަނުގައި ބޭނުންކުރި މަލްޓި މީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރު ވަނީ ހަރުކޮށްފައެވެ. ކުރީގެ 2.1 ސައުންޑުގެ ބަދަލުގައި މިހާރު ބޭނުންކުރާނީ ޑޮލްބީ 7.1 ސަރައުންޑް ސިސްޓަމެކެވެ. ސްޓޭޖް ޑުރާމާތަކާއި މިޔުޒިކް އަދި ނެށުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް ސިނަމާގެ ސްޓޭޖްގައި ވަނީ ސައުންޑާއި ލައިޓިން ހަރުކޮށްފަ އެވެ.

މިއީ މިޒަމާނަށް ފެތޭގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މީގެ ކުރިން އޮލިމްޕަސްގެ ބެލެނެވެރިކަން އެތައް އިދާރާތަކެއްގެ ބެލުމުގެ ދަށަށް ދިޔަނަމަވެސް މިތަނަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. މިހާރު އޮލިމްޕަހަކީ ފައްކާ ކުރެވިފައިވާ ސިނަމާއެކެވެ. ފަންނާނުންނަށް އުފަލާއި ހިތްހަމަޖެހުން ލިބޭނެ ތަނެކެވެ. އެމީހުންގެ އުފެއްދުންތަކަށް ނަފާ ހޯދޭނެ ތަނެކެވެ.