ޗައިނާގެ ހަންގްޒޫގައި މި އަ ހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން އެކި ގައުމުތަކުގައި ބާއްވާ ތިން ކިލޯމީޓަރުގެ "ފަން ރަން"، މިއަދު ހުޅުމާލޭގައި ބާއްވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި "ފަން ރަން" އަކީ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިން ކޮމިޓީ ގުޅިގެން ބޭއްވި ހާއްސަ ދުވުމެކެވެ. މިއަދުގެ "ފަން ރަން" ގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިން ހިމެނޭހެން 700 އެއްހާ ކުދިން ބައިވެރިވިއެވެ. އެގޮތުން ޖުމުލަ 22 ސްކޫލަކުންނާއި އަށް ކުޅިވަރު އެސޯސިއޭޝަނަކުން ދުވެފައިވާ އިރު، ރާއްޖޭގައި ހިންގަމުންދާ ޗައިނާގެ ވިޔަފާރިތަކުންވެސް ދުވުމުގައި ބައިވެރިވިއެވެ.
މިއަދު ދުވުމުން ފާހަގަކޮށްލެވުނު މޫނުތަކުގެ ތެރޭގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް، ޖިއާން ޒޯގެ އިތުރުން ހަންގްޒޫ ގޭމްސްގެ ޑިރެކްޓާ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ޖިއަންބޯވެސް ފާހަގަކޮށްލެވުނެވެ.
މިއަދުގެ "ފަން ރަން" ފެށީ ސަންގު ފުމެ، ރާއްޖޭގެ ތާރީހާ ގުޅުވާލައިގެންނެވެ. ސަންގު ފުމަމަކީ ކުރިން ރާއްޖޭގެ ރަށް ރަށުގައި ރައްޔިތުންނަށް ގޮވައި، ކަންކަމަށް އެއްކުރުމަށް ކޮށް އުޅުނު ކަމެކެވެ. "ފަން ރަން" އާއެކު ރާއްޖެއަށް އޭޝިއަން ގޭމްސްގެ ފޯރި ގެނުވާނެ ކަމަށް އެމްއޯސީގެ ރައީސް ޗަމްޕީ މިއަދު ފާހަގަކުރައްވާފައިވާ އިރު، އޭނާ ވަނީ ސްކޫލް ކުދިންގެ ބައިވެރިވުމާއެކު އޭޝިއަން ގޭމްސް ފަދަ މުބާރާތްތަކުގެ މަގުބޫލުކަން ކުރިއަށް އޮތް ޖީލުތަކުގެ މެދުގައި ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ރަން އިންތިޒާމް ކުރުމަށް އެމްއޯސީން ކޮށްފައިވާ މަސައްކަތް ޗައިނާ ސަފީރު ލީޝިން ވަނީ ފާހަގަކުރައްވައިފައެވެ. ލީޝިން ވިދާޅުވީ އެމްއޯސީގެ ރޭވުންތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ރާއްޖޭގެ ކޮންޓިޖެންޓަށް ކާމިޔާބީއަށް އެދިލައްވާ ކަމަށެވެ.
އޭޝިއާގެ އެކިއެކި ގައުމުތަކުގައި "ފަން ރަން" ބާއްވަމުންދާ އިރު، ރާއްޖެ ވެފައި ވަނީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން އިވެންޓް ބޭއްވި ފުރަތަމަ ގައުމަށެވެ. އޭޝިއަން ގޭމްސްއަށް ރާއްޖެއިން 200 އެއްހާ އެތުލީޓުންގެ ކޮންޓިޖެންޓެއް ތައްޔާރުވަމުންދާ އިރު، މިފަހަރުގެ ކޮންޓިޖެންޓް ވެގެންދާނީ ބައިނަލްއަގުވާމީ މުބާރާތަށް ދާ ދެވަނައަށް އެންމެ ބޮޑު ކޮންޓިޖެންޓަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ. ކޮވިޑްގެ ހާލަތު ޗައިނާގައި މިހާރު ރަނގަޅުވެ، ހަންގްޒޯގައި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު އަށަކަށް އޭޝިއަން ގޭމްސް ބާއްވަން ތާވަލު ކޮށްފައިވާ އިރު، ރާއްޖެއިން މިފަހަރު 11 ގޭމެއްގައި ވާދަކުރާނެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ