އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން ކުޅުނު މެޗުގައި އެވަޓަން ކައިރިން ބަލިވެއްޖެއެވެ.
އުނދަގޫ ހާލަތެއްގައި މިރޭގެ މެޗަށް ނުކުތް އެވަޓަންއިން އަމިއްލަ ދަނޑުގައި މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު ރެލިގޭޝަން ޒޯންގައި އޮތް އެވަޓަން މިރޭގެ މެޗަށް ނުކުތީ އަލަށް ޓީމާ ހަވާލުވި ކޯޗު، ސީން ޑައިޗްގެ ކޯޗުކަމުގައެވެ. ޑައިޗް އެވަޓަންގެ ކޯޗުކަމާ ހަވާލުވީ އެ ކްލަބުގެ ކޯޗުކަމުގައި މި ސީޒަނަށް ނުކުތް ފްރޭންކް ލެމްޕާޑު އެމަގާމުން ވަކި ކުރުމުންނެވެ.
އެވަޓަންއިން މިރޭ ލީގުގައި މޮޅުވީ 11 މެޗުން މޮޅުނުވެ އޮތުމަށްފަހުއެވެ. އާސެނަލުން މިހާތަނަށް ލީގުގައި އެންމެ ދެ ފަހަރަށް ބަލިވެފައިވާ އިރު، މިރޭ ބަލިވި ނަމަވެސް އެޓީމު އަދި އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ 20 މެޗުން 50 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސިޓީ އޮތީ 20 މެޗުން 45 ޕޮއިންޓާ އެކުގައެވެ.
އެވަޓަންއިން ސަލާމަތަށް ޖެހިލީ 21 މެޗުން 18 ޕޮއިންޓާއެކުގައެވެ. އެވަޓަން މިވަގުތު 17 ވަނައިގައި އޮތް އިރު، 18 ވަނައިގައި އޮތް ވުލްވްސްއަށް 20 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް އާސެނަލަށްވުރެ ބޮޑަށް ނުރައްކާ ކުރީ އެވަޓަންއިންނެވެ. އެޓީމުން ވަނީ ފުރުސަތުތައް ތަނަވަސްކޮށް ލީޑު ނެގުމާ ގާތަށްވެސް ޖެހިލައިފައެވެ. އަމަޑޫ އޮނާނާގެ ބާރު ހުރަހެއް ޑޮމިނިކް ކަލްވާޓް-ލެވިންނަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް އެ ފުރުސަތު އޭނާ ނަގާލިއެވެ.
ދެވަނަ ހާފުގައިވެސް އާސެނަލަށް އެޓޭކް ކުރަން އުނދަގޫތަކަކާ ކުރިމަތިވި އިރު، އެޓީމުގެ ފަރާތުން އެންމެ ކޮލިޓީ ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. ހަމަލާތައް މަދުކޮށް ފެނުނު އިރު، އެންމެ ނުރައްކާތެރިކޮށް ފާހަގަކޮށްލެވުނީ ޖެނުއަރީގައި ޓީމާ ގުޅުނު ލެއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެކެވެ. އެ ހަމަލާ މަތަކުރީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑެވެ.
އެވަޓަންއިން މެޗުގައި ޖެހި ހަމައެކަނި ގޯލް، 60 ވަނަ މިނެޓުގައި ޖަހައިދިނީ ސެންޓަ ބެކް ޖޭމްސް ޓާކޯސްކީއެވެ. ޓާކޯސްކީ ގޯލް ޖެހީ ލިބުނު ކޯނަރަކަށް ކުރިއަރައެވެ.
ލީގުގައި މިރޭ އިތުރު މެޗުތައް ކުރިއަށް ހުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ލިވަޕޫލުން މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު