މާލޭގައި ސ. ހިތަދޫ ހިންދާމުގެ ހުސެއިން ޝާން އަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި، ގދ. ފަރެސް މާތޮޑާ މަންޒިލް މުހައްމަދު ނިޝާހު އާއި ހ. ރޯޒަންލޭންޑް ޝައިބާން ޒުފްރަތު އިސްމާއީލްގެ 10 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މިއީ އަށެއް އޮކްޓޫބަރު 2018 ގައި ހިންގާފައިވާ މާރާމާރީއެއްގެ މައްސަލައެކެވެ.

މި މައްސަލައިގައި މުހައްމަދު ނިޝާނާމެދު މާރާމާރީ ހިންގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލީ، މަޖީދީމަގު އޮލިމްޕަސް ކައިރިންނެވެ.

މި މައްސަލައިގައި ނިޝާހު އާއި ޒުފްރަތުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޝާންއާމެދު މާރާމާރީ ހިންގައި ވަޅިއަކުން ޝާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީ އާއި މި މާރާމާރީގެ ސަބަބުން ޝާންއަށް އަނިޔާވެފައިވާ ކަމަށް މެޑިކޯލީގަލް ރެކޯޑްއިން އެނގެން އޮންނާތީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އާއި ދިގު މިނުގައި އަށް އިންޗި ހުންނަ ވަރުގެ ވަޅިއެއް ހިފައިގެން އުޅެފައިވާތީ، މަގުބޫލު ސަބަބެއްނެތި، ނުރައްކާތެރި ހަތިޔާރެއް އާއްމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި ދެ ދައުވާވެސް އެ ދެ މީހުންގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

އެހެންކަމުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާސާބިތުވެފައިވާތީ، 10 އަަހަރު ދުވަހުގެ މުއްދަތަށް ދެ މީހުން ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އޭގެ ތެރެއިން ނިޝާހު ތަންފީޒު ކުރަން ޖެހޭނީ ފަސް އަހަރާއި އަށް މަހާއި 11 ދުވަސް ކަމަށާއި ޝައިބާން ތަންފީޒު ކުރަން ޖެހޭނީ ފަސް އަހަރާއި އަށް މަހާއި 10 ދުވަސް ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ދިގު މިނުގައި އަށް އިންޗި ހުންނަ ވަރުގެ ވަޅިއެއް ހިފައިގެން އުޅެފައިވާތީ، މަގުބޫލު ސަބަބެއްނެތި، ނުރައްކާތެރި ހަތިޔާރެއް އާއްމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަ މަސް ދުވަހުގެ މުއްދަތަށް އެ ދެމީހުން ޖަލަށް ލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.