ޚަބަރު

ފަޅުރަށެއްގައި ވެލާތަކެއް ފެޅި މައްސަލައެއް ބަލަނީ

ރިފާ ހަލީލު

ބ. އަތޮޅު ފަޅުރަށެއްގައި ވެލާތަކެއް މަރާލާފައިވާ މައްސަލައެއް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ބަލަން ފަށައިފިއެވެ.

މި ވެލާތައް ފެނުނީ ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫ އިންނެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ވެލާތަކެއް މަރާލާފައި އޮއްވައި އިއްޔެ ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް މަރާލާފައިވަނީ ކިތައް ވެލާކަން އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މި މައްސަލަ އެ އެޖެންސީން ބަލަމުންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ، ބ. އަތޮޅު ފަޅުރަށެއްގައި ބަޔަކު ވެލާ ފަޅާކަމުގެ މައުލޫމާތު އިއްޔެ ހަވީރު 4:38 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެރަށަށް ގޮސް ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތައް އީޕީއޭއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.