ޗައިނާގެ ހަންގްޒޫގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވާ "ފަން ރަން"، މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
އޭޝިއަން ގޭމްސްގެ ފަން "ފަން ރަން" އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިން ކޮމިޓީ ގުޅިގެން ބާއްވާ ހާއްސަ ދުވުމެކެވެ.
މި ފަހަރުގެ ދުވުމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިންނާއި ޗައިނާގެ ކުންފުނިތަކުގެ އިތުރުން އާންމުންގެ އެކިފަރާތްތައް ހިމެނޭ ގޮތަށް 700 އެއްހާ މީހުން ދުވާނެއެވެ. ދުވުން ފަށަން ހަމަޖެހިފައިވާ ގަޑިއަކީ މާދަމާ ހެނދުނު 6:00 އެވެ.
އޭޝިއަން ގޭމްސް "ފަން ރަން" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ހެންވޭރު ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯގެ އިތުރުން ހަންގްޒޫ ގޭމްސްގެ ޑިރެކްޓާ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ޖިއަންބޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ފަން ރަން" އާ ގުޅޭ ގޮތުން ސޮންގް ޖިއަންބޯ ވިދާޅުވީ އޭޝިއަން ގޭމްސްއަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށާއި "ފަން ރަން" މި ސަރަހައްދުގައި ބޭއްވުމަކީ ގައުމުތަކުގެ ގުޅުން ބަދަހިކޮށްދޭނެ މުހިންމު ކަމެއް ކަމަށެވެ. އަދި "ފަން ރަން" ގެ ސަބަބުން އާންމުން އޭޝިއަން ގޭމްސްއަށް ދޭ އަހަންމިއްޔަތުކަން ބޮޑުވެގެން ދާނެ ކަމަށާއި ގޭމްސްގެ އިހުސާސް އާންމުންނަށް ކުރާނެ ފުރުސަތަކަށް ރަން ވެގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ. ކޮވިޑްގެ ހާލަތު ޗައިނާގައި މިހާރު ރަނގަޅުވެ، ހަންގްޒޯގައި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށް އޭޝިއަން ގޭމްސް ބާއްވަން ތާވަލު ކޮށްފައިވާ އިރު، ރާއްޖެއިން މިފަހަރު 11 ގޭމެއްގައި ވާދަކުރާނެއެވެ. އެއީ ގާތް ގަނޑަކަށް 200 އެއްހާ އެތުލީޓުންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ