Close
ދިރާގު

އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ހާއްސަ އިވެންޓްގައި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަނެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމެވެ.

މިދިޔަ އަހަރުވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގައި ކާމިޔާބު ގިނަ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، އަތޮޅު ތެރޭގެ ކާމިޔާބު އިވެންޓްތައްވެސް މިހާރު ދަނީ ބާއްވަމުންނެވެ. ދިރަގާއެކު ވެވުނު އެއްބަސްވުމާއެކު މާލެ އާއި އަތޮޅު ތެރޭގައި އެތުލެޓިކްސް އެސޯސިއޭޝަނުން ހިންގާ އިވެންޓްތަކަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

"އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕާޓްނާޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ ޖީލެއްގެ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށް އެހީވެދިނުން،" މިއަދު އެއްބަސްވުމުގެ ސޮއިކުރެއްވުމަށްފަހު މިރްޝާން ހަސަން ވިދާޅުވިއެވެ.

އެއްބަސްވުމާއެކު އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ދިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

"ދިރާގުން ރާއްޖޭގައި އެތުލެޓިކްސް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ދިރާގާއެކު މިކުޅިވަރު އިތުރަށް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް،" ޖެނެރަލް ސެކްރެޓަރީ މުންތަގިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ފުޅާ ނެޓްވޯކް، ދިރާގުން ދަނީ އަބަދުވެސް ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވުމަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ޑިޖިޓަލް އެހީތެރިކަން ގިނަ ކުޅިވަރުތަކަކަށް މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.