ކެނެބިސް ޓްރެފިކު ކުރި މީހަކު 25 އަހަރު ދުވަހަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ގޯވިންޑްވިލާ، ހުސެއިން މުޖުތަބާގެ މައްޗަށެވެ.
ކޯޓު އަމުރެއްގެ ދަށުން މ.ބްލޫސީ ގެސްޓްހައުސް ބަލައި ފާސް ކުރިއިރު އެތަނުގެ ކޮޓަރިއެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ބޮކްސާގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅުތަކަކުން ކެނެބިސް ފެނިގެން އޭނާ ހައްޔަރުކުރީ 11 ޖެނުއަރީ 2017 ގައެވެ.
އެ މައްސަލަ ބަލައި ކުރިމިނަލް ކޯޓުން މިއަދު ހުރި ހުކުމުގައި ވަނީ، އެ މައްސަލައަށް މުޖުތަބާ އިންކާރު ކުރި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން ކެނެބިސް ޓްރެފިކު ކުރުމުގެ ކުށުން މުޖުތަބާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
އެެ މައްސަލައިގެ ތަހުގީގަށް އޭނާ ބަންދު ކުރި މުއްދަތު ހުކުމް ކަނޑާލުމަށްފަހު، އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަތް މަހާއި 19 ދުވަސް ކަމަށް ކަނޑައަޅައި ޖޫރިމަނާ ފައިސާ 24 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު