ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އިލެކްޓްރޯނިކް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަހުގެ ހިދުމަތް ވިލިމާލޭގައި 24 ގަޑިއިރު ލިބޭނެ ކަމަށާއި އެ ހިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަމަށެވެ. އަދި އެ ދަތުރުތަކަށް ތިން ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ. އެއީ، އާރުޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރު ޓިކެޓު ނެގުމާއި، ކޮންކްޓެކްޓްލެސް މާސްޓަކާޑް އަދި ވިސާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓު ނެގުމެވެ.
މީގެ ތެރެއިން ކަރުދާސް ޓިކެޓު ގަނެވޭނީ ބަހުގެ ތެރެއިން އެކަންޏެވެ. އެމްޓީސީސީން ބުނީ ކަރުދާސް ޓިކެޓުގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް، ބަސްތެރޭގައި ބަހައްޓާފައި ހުންނާނެ ކަމަށާއި ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމާއެކު، ކަސްޓަމަރުން ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެނައުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އަދި ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށާއި ކަރުދާސް ޓިކެޓު ގަނެވޭނެ އިންތިޒާމު ހަޖައްސާފައިވަނީ އިސް ރަށްވެހީންނަށް އެ ހިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ ޓްރަޔަލް މުއްދަތަށްފަހު، މާދަމާ އިން ފެށިގެން ޓިކެޓު ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި ޔުނިފޯމުގައި ތިބޭ ސްކޫލު ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އާރުޓީއެލް ވިލިމާލޭ ބަހުގެ ރޫޓް މެޕް އާރުޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ބަލައިލެވޭނެއެވެ.