ޓެކްނޮލޮޖީ

އެންމެފަހުން ވަޓްސްއެޕް އިންވެސް ފޮޓޯތައް އަސްލު ކޮލިޓީގައި ފޮނުވޭ ގޮތް ހަދަނީ

ވައިބަރ، ނުވަތަ ވަޓްސްއެޕް ފަަދަ އެޕްލިކޭޝަން ތަކުން ފޮނުވާ ފޮޓޯގެ އަސްލު ކޮލިޓީ ދަށެވެ. އެހެން ހަދާފައި ހުންނަނީ އެ އެޕްލިކޭޝަންތައް ހިންގާ ސާވަރ ތަކަށް އަރާ ބާރު ވީހާވެސް ކުޑަކޮށް، މެސެޖް ފޮނުވާ ނުވަތަ ފޮޓޯތައް ލިބޭ މީހާގެ ފޯނުގެ ޖާގަވެސް ސަލާމަތް ކުރުމަށް އެހީތެރިވެދިނުމަށެވެ. ވަޓްސްއެޕް އަދި އެނޫންވެސް އެހެން ބައެއް އެޕްލިކޭޝަންތަކުން ފޮނުވާ ފޮޓޯތައް ހުންނާނީ އަސްލު ސައިޒަށްވެރު ކުޑަކޮށްފައެވެ. އަވަހަށް ފޮނުވޭނެ ގޮތް ހެދުމަށާއި އަދި ފޯނުގެ ޖާގަ ސަލާމަތް ކުރުމުގެ އިތުރުން ސާވަރުތަކަށް ބާރު ބޮޑު ވިޔަ ނުދިނުމަށް ޓަކައި، ފޮނުވާ ހުރިހާ ފޮޓޯއެއް އެކި ސައިޒުތަކަށް ކޮމްޕްރެސް ކުރެއެވެ.

އެހެން ކަމުން މެސެޖެއް މެދުވެރިކޮށް ފޮނުވާ ފޮޓޯ ތަކުގެ ނުވަތަ ހާއްސަ މީހުންނާ ޝެއާ ކުރާ ރީތި ތަސްވީރު ތަކުގެ ރިޒޮލިއުޝަން ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް މިހާރުވެސް ވަޓްސްއެޕް އިން ފޮޓޯ ކޮލިޓީގެ ތިން އޮޕްޝަނެއް ލިބެން ހުރެއެވެ. އެ ގޮތުން "އޮޓ"، "ބެސްޓް ކޮލިޓީ"، އަދި "ޑޭޓާ ސޭވަރ" އޮޕްޝަން ނަގައިގެން ފޮޓޯ ފޮނުވޭނެއެވެ. އެހެން ނަމަވެސް "ބެސްޓް ކޮލިޓީ"ގައި ފޮނުވާ ފޮޓޯވެސް އެޕްލިކޭޝަން މެދުވެރިކޮށް ކޮމްޕްރެސްކޮށް ޑޭޓާ ޓްރާންސްފާ އަވަސްކޮށްލުމުން އޭގެ ބެސްޓްކަމާއި މެދު ގިނަ ބަޔަކު މުޅިން އޯކޭއެއް ނުދެއެވެ.

ޑަބްލިއުއޭބީޓާ އިން ބުނާ ގޮތުގައި ވަޓްސްއެޕް އިން މިހާރު ތައްޔާރުވަމުން އަންނަނީ ފޮޓޯ ނެގިއިރު ހުންނަ ސައިޒުގައި އަދި އެ ކޮލިޓީގައި ފޮޓޯ ފޮނުވޭ އާ ސެޓިންއެއް ހިމެނުމަށެވެ. މި އޮޕްޝަން ހިމެނުމާއެކު ފޮޓޯތަކުގެ އޮރިޖިނަލް، ހައި ރިސޮލިއުޝަން އަދި ފޮޓޯ ނެގިއިރު ހުރި ކޮލިޓީގައި ފޮޓޯ ފޮނުވޭނެ އެވެ.

މި އޮޕްޝަން ހިމެނުމުން ވަޓްސްއެޕް ބޭނުންކުރާ މީހަކު ފޮޓޯއެއް ޝެއާ ކުރާއިރު، ފޮނުވުމުގެ ކުރިން، އިމޭޖް ކޮލިޓީ އޮރިޖިނަލް އަށް ބަދަލު ކުރެވޭނެ އެވެ. ޑަބްލިޔުއޭބީޓާއިންފޯ އިން ބުނާ ގޮތުގައި މި ފީޗާ މިހާރު ތަރައްގީ ކުރަމުން އަންނައިރު، މި ފީޗާ ރިލީޒް ކުރަން ރާވާފައި ވަނީ ދެން ލިބޭ އަޕްޑޭޓާ އެކުގައެވެ. ބެލެވޭ ގޮތުގައި އާ އޮޕްޝަން ޕްލެޓްފޯމްގައި ވީޑިއޯތައްވެސް އޮރިޖިނަލް ފޯމެޓްގައި ފޮނުވޭނެއެވެ. ވަޓްސްއެޕް އެޕްލިކޭޝަނަކީ މަހަކު ދެ ބިލިއަނަށް ވުރެ މީހުން ބޭނުންކުރާ އަދި ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް އެންމެ މަގުބޫލު އެއް މެސެޖިން އެޕްލިކޭޝަނެވެ.

އެހެން ނަމަވެސް މި ފަށާ ހިދުމަތާ އެކު ފޯނު ތަކުގެ ސްޓޯރޭޖް (ޖާގަތައް) ފުރިދާނެ ކަމުގެ ކަންބޮޑުވުންތައް އެބައޮތެވެ. ވަޓްސްއެޕް އިން މި އޮޕްޝަން ދީގެން ކުރިއަށް ގެންދާނަމަ ސާރވަރުތައް ފުރި ފޯނުތައްވެސް ފުރުމުގެ ކަންބޮޑުވުން އެބަ އޮތެވެ. މިހާރު ފޮނުވާ ފޮޓޯ އޭގެ އަސްލު ސައިޒަށްވުރެ %70 ކުޑަކޮށްލުމަށް ކޮމްޕްރެސް ކުރާތީ އެމީހުންނަށް އެ ފޮޓޯ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފޮނުވައިލެވެއެވެ.

އެހެން ނަމަވެސް އަސްލު ސައިޒުގައި ފޮނުވާ ބޮޑެތި ފައިލްތައް ނުވަތަ ފޮޓޯތައް ކޮމްޕްރެސް ނުކޮށް ފޮނުވަން ފަށައިފި ނަމަ ސާވަރ ލަސްވުމާއި ފޯނުތަކަށް ބާރު ބޮޑުވެ ފޯނުގެ ޖާގަ ވެސް ފުރުމަކީ އެކަށީގެންވާ ކަމެވެ. އެކަން ހައްލުކުރުމަށް ވަޓްސްއެޕްގައި މީޑިއާ އޮޓޯ ޑައުންލޯޑް ނިއްވާލުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޓެކްނޮލޮޖީގެ އިސްފަރާތްތަކުން ދެކެއެވެ.