ހައުސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަން މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް މިއަދު ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރެޖިސްޓްރީ ބޯޑު ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ރަޖިސްޓްރީ ބޯޑެއް ޖަހާފައި ނެތް 370 އުޅަނދާއި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި 46 އުޅަނދެއް ކަމާގުޅޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ޓޯ ކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ބަލައި، ދިރާސާ ރިޕޯޓެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ތައްޔާރުކޮށްފައިވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.