ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނުދައްކާ ހުރި ކަރަންޓު ބިލުތަކާ ޔޫތު މިނިސްޓްރީން ހަވާލުވެއްޖެއެވެ.
އެފްއޭއެމުން ކަރަންޓު ބިލަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ އެކި ފަހަރުމަތިން އަންގައިގެންވެސް ނުދައްކައިގެން މިދިޔަ އަހަރު އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލިއެވެ. ނަމަވެސް ފަހުން އަލުން ވަނީ ކަރަންޓު ދީފައެވެ.
ސްޓެލްކޯގެ މައި އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމުން ނުދައްކާ ހުރި ބިލުތަކުގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާފައިވާ ކަމަށެވެ.
"އެފްއޭއެމްގެ މައްސަލަ ހައްލުވެއްޖެ، އިނގޭތޯ. ސަބަބަކީ އެފްއޭއެމްއާ އެކީގައި ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވިއްޖެ. އަދި އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް އަޅުގަނޑުމެން ކައިރީގައި ޔޫތު މިިނިސްޓްރީން ވަނީ ވިދާޅުވެފައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ތަންތަނުން ސްޓެލްކޯއަށް ބޮޑެތި އަދަދުތަކުން ދައްކަން ޖެހޭ ފައިސާ އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 80 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށާއި މާލެ ސިޓީ ކައުންސިލުން 21 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންވެސް ދައްކަން ޖެހޭ ފައިސާ އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އާރުޑީީސީގެ ނަމުގައި ހުރި ބިލުތަކުގެ މައްސަލަ ހައްލުކުރަން ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު