އއ. ރަސްދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، އއ. ރަސްދޫ، ޖަންބްރޯލްގަސްދޮށުގޭ އަލީ ރަޝީދަށެވެ.
އޭނާއަށް ހުކުމް ކުރީ، 20 އޯގަސްޓް 2020 ގެ މެންދުރު 1:25 ހާއިރު މާލޭ ބޮޑުތަކުރުފާނު މަގު ދެ ނަމްބަރު ކުނިކޮށްޓާ ދިމާލުގައި އޮތް ލޯންޗަކުން ރަސްދުއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ޓެކްސީއެއްގައި އޭނާ އެ ސަރަހައްދަށް ދިއުމުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ފެނުމުގެ ސަބަބުން ކުރި ދައުވާ ސާބިތުވުމުންނެވެ.
ދައުވާގައި ވަނީ އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ނެގި ރަބަރު ޕެކެޓުތަކާއި ޗުވިންގަމް ކަރުދާހުގެ ތެރެއިން 5.3 ގްރާމުގެ މެތަމްފެޓަމީން (މެތު) ފެނުނު ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކު ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުން އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށް، އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްް ކޯޓުން ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު