ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ "އޫކްލާ" އިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގަށް ދީފިއެވެ.

މިއީ އެ އެވޯޑް ދިރާގަށް ލިބުނު ދެވަނަ ފަހަރެވެ. ދިރާގަށް 2021 ވަނަ އަހަރުވެސް އެ އެވޯޑް ލިބިފައިވެއެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓް ރިޕޯޓުން ދައްކާ ގޮތުގައި ދިރާގުން ވަނީ 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދައިފައެވެ.

އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށް ދޭ ކުންފުންޏަކީ ދިރާގުކަންވެސް އޫކްލާ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ދިރާގުން ބުނީ، އެ ކުންފުންޏަށް ލިބުނު މި ބައިނަލްއަގުވާމީ އެވޯޑަކީ ދިރާގުގެ ދިގު ހިދުމަތުގެ ތާރީހުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗާ" އަށް ތައްޔާރުވުމަށް ކޮށްދޭ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރާނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށް ކަމަށް ބުންޏެވެ.